ކުރެންދޫ ކައުންސިލް ރައީސްގެ އިންތިޚާބު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކުރެންދޫގައި މީގެ ކުރިން ނުފެށި ނުވަތަ ފަށަން ނިންމާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކުއްލިއަކަށް ފެށި، ތަރައްޤީގެ ދުވަލި ބާރުވެއްޖެއެވެ.
ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މާދަމާ ބާއްވާ އިންތިޚާބުގައި ކުރެންދޫ ކައުންސިލް ރައީސްގެ މަޤާމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ޢަލީ ނަސީމްއެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ އެރަށު ކައުންސިލް ކަން 3 ދައުރު ކުރައްވާފައިވާ އިސްމާއިލް މަދީހުއެވެ.
ކުރެންދޫ ކައުންސިލް ރައީސް އިންތިޚާބު މާދަމާ ބައްވާއިރު، އެރަށުގެ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ބޯހިޔާވަހިކަމާއި، ލަފާފުރުމުގެ ދަތިކަމާއި، މިނޫންވެސް ސަރުކާރުން ކުރެންދޫއަށް ވެފައިވާ ވައުދުތަކަށް ސަމާލުކަން ނުދޭތީ ވެރިކަންކުރާ އެމްޑީޕީއަށް ނިސްވަތްވާ ބައެއް މެމްބަރުންގެ މާޔޫސްކަންވެސް އޮތީ ކުރިމަތިވެފައެވެ.
މިހުރިހާ ކަމަކާއިއެކު ސަރުކާރުން ކުރެންދޫއަށް ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ނިމިދިޔަ ތިން އަހަރުގައި މަޑު ދުވެލީގައި އޮތް ނަމަވެސް، ކައުންސިލް ރައީސްގެ އިންތިޚާބާއިއެކު ކުއްލިއަކަށް ދުވެލި ބާރުވެ، މަޝްރޫޢުތަކުގެ މަލަމަތި ފެންނަން ފަށައިފިއެވެ. ނިމިދިޔަ ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގައިވެސް ފެނިގެންދިޔަ ގޮތަށް އިންތިޚާބާއި ދިމާކޮށް އެތައްކަމެއް ކުރެންދޫގައިވެސް ފެށިގެން ދިޔަތަން ވަނީ ފެނިފައެވެ. މިއީ އިންތިޚާބަށް ޖަހާ ކަޑަތަކެއްކަމަށް ސަރކާރުން ގަބޫލު ނުކުރެއެވެ.
ކުރެންދޫގައި 50 ހައުސިން ޔުނިޓް:
ފިނޭންސް މިނިސްޓްރީން މިމަހުގެ 21 ވަނަ ދުވަހު ކޮށްފައިވާ އިއުލާންގައި ކުރެންދޫގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/255,000ރ (ދެލައްކަ ފަންސާސް ފަސްހާސް ރުފިޔާ) ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 13 އެޕްރީލް 2022 ވާ ބުދަދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރުގައެވެ. ފާދިއްޕޮޅު ކުރެންދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ތެރޭގައި ހައުސިންގ މަޝްރޫޢެއް ކުރެންދޫގައި ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.
ކުރެންދޫ ގޮޑުދޮށް ހިމާޔަތްކުރުމާއި، ފެނުގެ މަޝްރޫޢު:
ކުރެންދޫގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ގޮނޑޮދޮށް ހިމާޔަތްކުރުމާއި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި ދެ މަޝްރޫއު ބަޖެޓުކޮށް ހަމަޖައްސާފައި އޮތީ މި އަހަރު ތެރޭގައި ފަށާގޮތަށެވެ. އެކަމަކު މިހާ އަވަހަށް ފަށާނެ ކަމެއް ކައުންސިލަށް ވެސް ކުރިން އެނގިފައެއް ނެތެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ޕްރޮޖެކްޓް ސައިޓް މޮބިލަައިޒްކުރީ މިދޔަ ހޯމަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ. ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ވެސް ކުރެންދުއަށް މިހަފުތާގައި ވަނީ ގެންގޮސްފައެވެ.
ކުރެންދޫ ކައުންސިލް އިންތިޚާބާއި ދިމާކޮށް، އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މިއިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުއްލި ތަރައްޤީގެ މަޝްރޫޢުތަކާއިއެކު އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، ސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންނައި، އެމްޑީޕީގެ ރައީސް ނަޝީދުވެސް ވަނީ ކުރެންދޫއަށް ގޮސް ކެމްޕެއިންގައި ބައިވެރިވެފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރެންދޫ ރައްޔިތުންނަށް އެރަށު ފަޅުތެރެއިން 100 ވަރަކަށް ގޯތި ދެވިދާނެކަމަށެވެ. ނަމަވެސް އެކަން ކުރާނެ ގޮތުގެ ތަފްސީލެއް ދެއްވާފައި ނުވެއެވެ.
ކުރެންދޫ އިންތިޚާބަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތް ނަމަވެސް އިދިކޮޅަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކުރެންދޫ ރައްޔިތުން ގަބޫލުކުރާ ރައްޔިތުންނަށް އެތައް ޚިދުމަތްކޮށްފައިވާ ކެނޑިޑޭޓަކު އެޕާޓީން ނިކުތުމެވެ. ލާމަރުކަޒީ ނިޒާމަށް ފަރިތަ މަދީހުއަކީ ކުރެންދޫ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކެނޑިޑޭޓެއްކަމަށް ޕީޕީއެމުން ބުނެއެވެ. ކިތަންމެ ނުފޫޒެއް ފޯރުވިނަމަވެސް މިއިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށް ޕީޕީއެމުން ދަނީ ބުނަމުންނެވެ.
މަޤާމުތަކަށް ޕީޕީއެމް މީހުން އިންތިޚާބުކޮށްގެން ނޫނީ ރާއްޖެ ތަރައްޤީ ނުކުރެވޭނެ: ޔާމީން
މިކެމްޕެއިންގައި ޕީޕީއެމްގެ ރައީސް ޔާމީންވެސް ވަނީ ކުރެންދޫއަށް ވަޑައިގެން ކެމްޕެއިންގައި ބައިވެރިވެފައެވެ. ކުރެންދޫގައި މިހާރު ފެންނަ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރައްވާފައިވާ މަސައްކަތެވެ.