ސެންޓްރަލް އޭޝިއާގައި ހިމެނޭ އެންމެ ބޮޑު އެއް ގައުމުގައިވާ، ސޯވިއެޓް ޔޫނިގައި ކުރިން ހިމެނުނު ކަޒަކިސްތާނުގައި އެއް ހަފްތާ ވަންދެން މެދުނުކެޑި ކުރިޔަށްދާ ހަމަ ނުޖެހުންތަކާއި މުޒާހިރާތަކުގައި 160 މީހަކު މަރުވެ، 5،000 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފިއެވެ.
ކަޒަކިސްތާނުގެ އިންޓީރިއަރ މިނިސްޓްރީއާއި ހަވާލާދީ، އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ހަމަނުޖެހުންތަކުގައި ދައުލަތާއި އާންމުންގެ ތަންތަނަށާއި މުދަލަށް ލިބިފައިވާ ގެއްލުމުގެ އަގު އެންމެ ދަށްވެގެން ވެސް، 198 މިލިއަން ޑޮލަރަށް އަރާނެއެވެ.
އިންޓީރިއަރ މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަމަނުޖެހުންތަކުގައި، 100 އަށްވުރެ ގިނަ ވިޔަފާރިތަކާއި ބޭންކުތަައް ލޫޓުވާ، 400 އުޅަދުވަނީ ހަލާކު ކޮށްލާފައެވެ.
ކަޒަކިސްތާނުގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ ރަޝިއާގެ ސްޕުންޓިކް ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަމަނުޖެހުންތަކުގައި 164 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަ ކުދިންވެސް ހިމެނެއެވެ. މި ނިއުން އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މީގެ ތެރޭގައި ހިމެނޭ 103 މީހަކު މަރުވެފައިވަނީ، އެންމެ ބޮޑަށް ހަމަނުޖެހުންތައް ހިގި، ކަޒަކިސްތާންގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ އަލްމަޓީ ސިޓީގައެވެ.
"މުޅި ގައުމުގެ ހުރިހާ ހިސާބެއްގެ ހާލަތުވެސް ވަނީ ހަމަޔަކަށް އެޅިފަ،" އިންޓީރިއަރ މިނިސްޓަރު އާރލާން ޓަގުމްބަޔޭވް ވިދާޅުވެފައި ވެއެވެ. "ގައުމުގެ ހާލަތު އާންމު ހާލަތަކަށް ގެނައުމަށްޓަކާ ކުރިޔަށް ގެންދާ ކައުންޓަރޓެރަރ އޮޕަރޭޝަން އަދިވެސް ދަނީ ކުރިޔަށް."
ކަޒަކިސްތާންގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ އަލްމަޓީ ސިޓީގެ ހާލަތު މިއަދު އާންމު ހާލަތަކަށް ބަދަލުވެފައިވި ކަމުގައިވި ނަމަވެސް، އެ ސިޓީގެ ސެންޓްރަލް ސްކުއަރއަށް މީހުން އެއްވިޔަ ނުދިނުމަށްޓަކާ ފުލުހުން ދޭތެރެ ދޭތެރެއިން ޖައްވަށް ބަޑި ޖަހަމުންދާ އަޑު އިވެމުންދާ ކަމަށް މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.
މި ފަހްތާގެ ހުކުރު ދުވަހު ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބް ކުރައްވަމުން، އެގައުމުގެ ރައީސް ކަސީމް ޖޮމާރޓް ޓޮކްޔޭވް ވަނީ، އެގައުމުގެ ސަލާމަތީ ބާރުތަކުން ކުރިޔަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގެ ދަށުން، ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރާ ފަރާތްތައް އިތުރު އިންޒާރަކާ ނުލާ "ނައްތާލެވޭނެ" ކަމުގ އިންޒާރު މުޒާހިރާ ކުރާ ފަރާތްތަކަށް ދީފައެވެ.
ކަޒަކިސްތާނުގައި ކުރިޔަށްދިޔަ މިހަމަނުޖެހުންތަކަކީ، މީގެ 30 އަހަރު ކުރިން، 1991ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން އެގައުމުގައި ހިގައިދިޔަ އެންމެ ބޮޑު ހަމަނުޖެހުންތަކެވެ.
މުޒާޙިރާތައްވެސް މަދުން ނޫނީ ނުހިގާ، އަދި އާންމު ގޮތެއްގައި ސުލްހަވެރި ގައުމެއް ކަމުގައި ބެލެވޭ، ސޯވިއެޓް ޔޫނިންގައި ހިމެނުނު، މިހާރު މެދުތެރޭ އޭޝިއާގެ ގައުމެއް ކަމުގައިވާ ކަޒަކިސްތާނުގައި މުޒާހިރާތައް ފެށިފައިވަނީ މީގެ އެއް ހަފްތާ ކުރިން، ހަފްތާގެ ބަންދުގައި، އެގައުމުގެ ތެލުގެ މުއްސދިަކަން ލިބިފައވާ ހުޅަނގުގެ ސަރަހައްދެއް ކަމުގައިވާ މަންގިސްޓައު ސަރަހައްދުގެ ޓައުންއެއް ކަމުގައިވާ ޒަނައުޒެންގައެވެ. އެހެން ނަމަވެސް، މި މުޒާހިރާތައް އޭގެފަހުން ވަނީ އެގައުމުގެ އެކި ސަރަހައްދުތަކަށް ފެތުރިގެން ގޮސްފައެވެ.
ތެލުގެ އަގު މައްޗަށް ދިއުމާދެކޮޅަށް އެންމެ ފުރަތަމަ ކުރަންފެށި މުޒާހިރާތައް ސަރުކާރާ ދެކޮޅު މުޒާހިރާތަކަށް ބަދަލުވެ، އަދި މި މުޒާހިރާތަކުގެ ތެރެއިން، އެގައުމުގައި 30 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަންކުރި ކުރީގެ ރައީސް ނޫރުސުލްތާން ނަޒަރުބަޔޭވްގެ ދައުރުއްސުރެ އުފެދިފައިވާ ރުޅިވެރިކަން މި ހަމަނުޖެހުންތަކުން ފެނިގެން ގޮސްފައިވާ ކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.