ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި ތަކުލީފު އުފުލަމުންދާ އެތައް ބަޔަކާ އަޅާބަލާއިރު، ދިވެހީންނަށް ލިބިފައިވާ އަމާންކަމާއި މިނިވަންކަމަށްޓަކައި އަބަދުވެސް މާތް ﷲ އަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ވާހަކަ ވިދާޅުވީ ރޭ ބޭއްވުނު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ވަރަށް ފަހަކާ ހަމައަށް ވެސް އެއް ލައްކަ މީހުން ހަމަނުވާ ކުޑަ އާބާދީއަކުން 4،000 އަހަރު ވަންދެން މި ބޮޑު ރާއްޖެ ދިފާޢުކޮށް މިނިވަންކަމުގައި ދެމިތިބުމަކީ އާދަޔާ ޚިލާފު ކަމެއް ކަމަށާއި، ޒަމާނީ ޑިމޮކްރަސީގެ އުސޫލުތައް ލިބިގަތުމަކީ ދިވެހީންގެ ޤައުމީ ވިސްނުމުގެ ހެއްކެއް ކަމަށެވެ.
ޖުމްހޫރީ ދުވަހަކީ ދައުލަތުގެ ވެރިކަމާ މެދު ދިވެހި ރައްޔިތުން ބަސް އިއްވި ދުވަސް ކަމަށް ރައީސް ސިފަކުރެއްވިއެވެ. އަދި އިސްލާމްދީން ދުނިޔޭގައި ފެތުރެމުން ދިޔަ ކުރީކޮޅުގައި ދިވެހީން އެ ދީން ޤަބޫލުކުރިކަމާއި، މި ސަރަޙައްދުގައި އެންމެ ފުރަތަމަ ފުރިހަމަ ޤާނޫނުއަސާސީއެއް ލިޔުނީ ދިވެހީންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖަލްސާގައި ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފާއި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު އެރުވުމުގެ އިތުރުން، މަތީ ދަރަޖަ ހޯދި ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު ވެސް ދެއްވިއެވެ.
ކޮމެންޓު ފޮނުވާ