ޖުމްހޫރީ ދުވަހާ ގުޅިގެން ބުރާސްފަތި ރޭ ބޭއްވި ރަސްމީ ޖަލްސާގައި، ޖުމްލަ 113 ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކޮށްދެއްވައިފި އެވެ. ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅުންނާއި ތަފާތު ދާއިރާތަކުން މަތީ ދަރަޖައިގެ ކާމިޔާބީ ހޯއްދެވި ބޭފުޅުން އެ ބޭފުޅުންގެ ތެރޭގައި ހިމެނެ އެވެ.
ދައުލަތުގެ ހިދުމަތުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރެއްވި 56 ބޭފުޅަކަށް ދައުލަތަށް ހިދުމަތްކުރުމުގެ ގައުމީ އިނާމު އެރުވި އެވެ. އެ އިނާމުގައި ޝަރަފުގެ ބެޖަކާއި އައްޑަނައެއް އަދި ހަނދާނީ ލިޔުމެއް ހިމެނެ އެވެ.
މަތީ ދަރަޖައިގެ ކާމިޔާބީއަށް 57 ބޭފުޅަކަށް އިނާމު ލިބުނެވެ. އެ ބޭފުޅުންގެ ތެރޭގައި ޕީއެޗްޑީގައި ފާހަގަކޮށްލެވޭ ނަތީޖާ ހޯއްދެވި ހަ ބޭފުޅަކާއި، ޑިގްރީ، ޕޯސްޓްގްރެޖުއޭޓް އަދި މާސްޓާސް ފެންވަރުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅަކު ހިމެނެ އެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުން މަތީ ވަނަތައް ހޯދުމުން ރައީސްގެ ހާއްސަ އިނާމު ލިބުނީ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފަށެވެ. މިދިޔަ އަހަރު އަރްމީނިއާގައި ބޭއްވި އޯޕަން ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ތިން އިވެންޓުގައިވެސް ލައިބާ ރަން މެޑަލް ހޯދިއެވެ. ހާއްސަ އިނާމުގެ ގޮތުގައި އޭނާއަށް މެޑެއްޔަކާއި ހަނދާނީ ލިޔުމެއް ދިން އެވެ.
ކޮމެންޓު ފޮނުވާ