މިޔަންމާއިން އައިސީޖޭގެ ހުކުމަށް ފުރިހަމައަށް ތަބާވާން ޖެހޭ: ގުޓެރޭސް

މިޔަންމާއިން އައިސީޖޭގެ ހުކުމަށް ފުރިހަމައަށް ތަބާވާން ޖެހޭ: ގުޓެރޭސް

Author
އަހުމަދު
20 ނޮވެމްބަރ 2026 09:43
0

 

2017 ވަނަ އަހަރު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ގަތުލުއާންމު ހިންގި ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމަށް މިޔަންމާއިން ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވެއްޖެއެވެ. އެއީ އިސްތިއުނާފު ނުކުރެވޭ، އަދި ގާނޫނީ ގޮތުން ތަންފީޒުކުރަން ލާޒިމު ނިންމުމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގުޓެރޭސް ވިދާޅުވީ، ގެމްބިއާއިން ހުށަހެޅި މި މައްސަލައިގެ ހުކުމަކީ ރޮހިންޔާ ދަރިކޮޅަށް ލިބުނު ވަރުގަދަ ބާރެއް ކަމަށެވެ. މިފަދަ ބިރުވެރި ޖަރީމާތައް ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތެއް ނުވެވޭނެކަން މި ހުކުމުން ދައްކައިދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގައުމަކުން ގަތުލުއާންމު ހިންގި ކަމަށް އެ ކޯޓުން ކަނޑައަޅާ ފުރަތަމަ ފަހަރަކީ މިއީއެވެ.

ބުރާސްފަތި ދުވަހު 15 ފަނޑިޔާރުންގެ ތެރެއިން 9 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި ހުކުމުގައި، މިޔަންމާގެ ސަލާމަތީ ބާރުތަކުން އުތުރު ރާޚައިންގައި އެތައް ހާސް އާންމުން މަރައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާ ހިންގި ކަމަށް ކޯޓުން ކަނޑައެޅިއެވެ. މި ޖަރީމާތައް ހިންގީ ރޮހިންޔާ އާބާދީގެ ބޮޑު ބައެއް ނައްތާލުމުގެ ނިޔަތުގައި ކަމަށް ވެސް ކޯޓުން ނިންމިއެވެ.

ޖަރީމާތައް ތަހުގީގުކުރުމަށާއި، ރޮހިންޔާއިން ރައްކާތެރިކަމާއި އިއްޒަތްތެރިކަމާއެކު އެނބުރި އައުމަށް މަގުފަހިކުރުމަށާއި، ގެއްލުންތަކަށް ބަދަލު ދިނުމަށް ކޯޓުން މިޔަންމާއަށް އަމުރުކުރިއެވެ. ހެކި ރައްކާތެރިކުރުމަށް 2020 ގައި ނެރުނު ވަގުތީ އަމުރާ ޚިލާފަށް، މަދުވެގެން ފަސް އަވަށެއްގެ ނިޝާންތައް މިޔަންމާއިން ނައްތާލާފައިވާ ކަމަށް ވެސް ކޯޓުން ފާހަގަކުރިއެވެ.

ގެމްބިއާއިން މި މައްސަލަ ހުށަހެޅީ ނޮވެމްބަރު 2019 ގައެވެ. 2017 ގެ އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން 700،000 އަށް ވުރެ ގިނަ ރޮހިންޔާއިން ބަންގްލަދޭޝަށް ފިލަން މަޖުބޫރުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.