ގައުމާއި ވަތަނުގެ ދިފާއުގައި ވިސްނުމާއި އަމަލުތައް ސީދާކޮށް، ގައުމުގެ ކުރިއެރުމާއި މަދަނީ ހަޔާތަށް ޖާގަ ހޯދަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 4،000 އަހަރުގެ ތާރީޚެއް ލިބިފައިވާ ރާއްޖެއަކީ އެހެން ގައުމުތަކާ އަޅާބަލާއިރު ނަސީބުވެރި ގައުމެއް ކަމަށާއި، މަދު އާބާދީއަކަށް މިނިވަންކަމުގައި ދެމިހުރެވުމަކީ މާތް ﷲ ދެއްވި ބޮޑު ނިޢުމަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކާބަފައިން ޖީލުން ޖީލަށް ގައުމު ވާރުތަކޮށްދިނީ މި ވިސްނުން ދަމަހައްޓަމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއަކީ ދެކުނު އޭޝިއާގައި ލިޔެވުނު އެންމެ ފުރިހަމަ ގާނޫނުއަސާސީތަކުގެ ތެރެއިން އެއްކަމަށާއި، އޭރުވެސް ދިވެހީންނަށް ގިނަ ހައްގުތަކެއް އޭގެން ކަށަވަރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރަސްކަމުން ވެރިން އިންތިޚާބުކުރާ ނިޒާމަކަށް ބަދަލުވެ، ޒަމާނީ ޑިމޮކްރަސީ ދިވެހީން ގަބޫލުކުރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް އަލްމަރްޙޫމް މުޙައްމަދު އަމީން ދީދީ އަންހެނުންނަށް ތަޢުލީމު ފަހިކޮށްދިނުމާއި، އަލްމަރްޙޫމް އިބްރާހީމް ނާޞިރު މަސްދޯނިފަހަރަށް އިންޖީނު ތަޢާރަފުކުރުމުގައި ބައެއް މީހުން ދެކޮޅު ހެދިއެވެ. ނަމަވެސް ނިމުނީ އެ ބަދަލުތަކުގެ ފައިދާ ދިވެހީންނަށް ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި ދިވެހި ގައުމެއް، ދިވެހި ރައްޔިތުން ބޭނުންވަނީ މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއް،" ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ