ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އުވާލާ ބިލު ރައީސް ތަސްދީގުކުރައްވައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އުވާލާ ބިލު ރައީސް ތަސްދީގުކުރައްވައިފި

Author
އަހުމަދު
19 ނޮވެމްބަރ 2026 09:16
0

 

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ދޭ ޚިދުމަތްތަކުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލު އަނބުރާ ގެންދާ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ މިދިޔަ އޮގަސްޓު 31 ގައެވެ. އެ ބަދަލު ތަންފީޒުކުރަން ފެށީ އޮކްޓޫބަރު 1 ން ފެށިގެންނެވެ. ނަމަވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ އާއި އިންޑިއާ ފަދަ މާކެޓުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން މި ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ފަރަންސޭސިވިލާތާއި އިޓަލީވިލާތުގެ އިދާރާތަކުން ވެސް، މި ބަދަލުގެ ސަބަބުން ކުރިމަތިވާނެ ދަތިތައް ބަޔާންކޮށް މީރާއަށް ސިޓީ ފޮނުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރައްވައި، ރައީސް މުޢިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވާނެކަން ކުރިން އިޢުލާނުކުރައްވާފައެވެ.

މީގެ އިތުރުން ޖީއެސްޓީ ބިލަށް ގެނައި އިސްލާހެއްގެ ދަށުން، ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ މިންގަނޑު ވެސް ބޮޑުކުރެވޭނެއެވެ. އަންނަ އަހަރުގެ ޖަނަވަރީ 1 ން ފެށިގެން، 12 މަސްދުވަހުގެ ތެރޭ ޓެކްސް ނެގޭ ހަރަކާތްތަކުން ލިބޭ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާ ވިޔަފާރިތަކަށް ޖީއެސްޓީއަށް ރަޖިސްޓްރީކުރަން ޖެހޭނެއެވެ. މިހާރު އެ މިންގަނޑަކީ އެއް މިލިއަން ރުފިޔާއެވެ. މި އިސްލާހު އިޤްތިޞާދީ ކޮމިޓީއަށް ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢީލް ނިޒާރެވެ.

އަދި ފާއިތުވި 12 މަހު ނުވަތަ ކުރިއަށް އޮތް 12 މަހު މުދަލާއި ޚިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ މަދު ވިޔަފާރިތަކަށް، ޖީއެސްޓީ ރަޖިސްޓްރީ ބާތިލުކުރުމަށް ހުށަހެޅޭނެ ގޮތް ވެސް މި އިސްލާހުން ހަދާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.