ތުރުކީގެ ދިފާޢީ ޓެކްނޮލޮޖީ ކުންފުނި ބައިކަރުން ތަރައްޤީކުރި "ކިޒިލެލްމާ" ތުރުކީގެ ސަލާމަތީ ބާރުތަކުގެ ރަސްމީ ޚިދުމަތަށް ނެރެފިއެވެ. ކިޒިލެލްމާއަކީ ޕައިލެޓަކާ ނުލައި އުދުހޭ ހަނގުރާމަމަތީ ޖެޓެކެވެ. މިއީ އަސްކަރީ އިންވެންޓްރީއަކަށް ވެއްދުނު މިފަދަ ފުރަތަމަ ޖެޓެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ބައިކަރުން ބުނީ، ކިޒިލެލްމާގެ ތިން ޖެޓް މިހާރު ސަލާމަތީ ބާރުތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 20 އަހަރު ކުރިން ދުށް ހުވަފެނެއް މިއަދު ޙަޤީޤަތަކަށް ވެއްޖެ ކަމަށް ވެސް ކުންފުނިން ބުންޏެވެ. ގިނަ ޓެސްޓުތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކުރި މި ޖެޓަކީ ވައިގެ އުދުހުމުގެ ތާރީޚުގައި ގިނަ "ފުރަތަމަ" ތަކެއް ޙާޞިލުކުރި އުޅަނދެކެވެ.
މި ކާމިޔާބީ ފާހަގަކުރަމުން، މަޝްރޫޢުގައި މަސައްކަތްކުރި އެންމެންނަށާއި ތުރުކީގެ ރައްޔިތުންނަށް ބައިކަރުން ޝުކުރު އަދާކުރިއެވެ. އަދި ކުންފުނީގެ ބާނީ އޮޒްޑެމިރް ބައިރަކްތާރާއި، މި ދަތުރުގައި ވަކިވެގޮސްފައިވާ އެހެން ބައިވެރިން ހަނދާންކޮށް، އެމީހުންނަށް ރަޙްމަތް ލެއްވުން އެދި ދުޢާކުރިއެވެ.
ބައިކަރުން އުންމީދުކުރަނީ ކިޒިލެލްމާ ޖެޓްތަކަކީ ތުރުކީގެ ވަޠަނަށާއި ރައްޔިތުންނަށް ފައިދާހުރި އުޅަނދުތަކަކަށް ވެގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ