އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން ނެރުނު އާ ދިރާސާއެއްގައިވާ ގޮތުން، 2035 ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނަ މީހުން ތަބާވާ ދީނަކަށް އިސްލާމްދީން ވާނެއެވެ. އެ އަހަރު މުސްލިމުންގެ އަދަދު 2.57 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެއެވެ. ނަސޯރާ ދީނަށް ތަބާވާ މީހުންގެ އަދަދު ހުންނާނީ 2.52 ބިލިއަންގައެވެ.
މި ބަދަލުގެ މައިގަނޑު ސަބަބަކީ މުސްލިމް އަންހެނުން ވިހާ ދަރިންގެ އަދަދު ގިނަވުމެވެ. 2020 އިން 2025 އާ ދެމެދު މުސްލިމް އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބުނެވެ. ނަސޯރާ އަންހެނަކަށް ލިބުނީ އެވްރެޖްކޮށް 2.5 ކުދިންނެވެ.
މިހާރުގެ ޓްރެންޑް ދެމިއޮތްނަމަ، 2070 ވަނަ އަހަރު މުސްލިމް އާބާދީ 3.6 ބިލިއަނަށް އަރާނެ ކަމަށް ދިރާސާއިން ދައްކައެވެ. އެއީ ދުނިޔޭގެ ޖުމްލަ އާބާދީގެ 37 އިންސައްތައެވެ. 2020 ގައި މި ނިސްބަތް ހުރީ 26 އިންސައްތައިގައެވެ. 2070 ގައި ނަސޯރާ ދީނަށް ތަބާވާ މީހުންގެ އަދަދު 3 ބިލިއަނަށް އަރާނެ ކަމަށާއި، ދުނިޔޭގެ އާބާދީގައި އެމީހުންގެ ހިއްސާ ހުންނާނީ 29 އިންސައްތައިގައި ކަމަށް ލަފާކުރެއެވެ. 2020 އިން 2070 އަށް ދުނިޔޭގެ ޖުމްލަ އާބާދީ 29 އިންސައްތަ އިތުރުވާނެއެވެ. އެ މުއްދަތުގައި މުސްލިމުންގެ އަދަދު 80 އިންސައްތަ އިތުރުވާއިރު، ނަސޯރާ ދީނަށް ތަބާވާ މީހުންގެ އަދަދު އިތުރުވާނީ 30 އިންސައްތައެވެ.
ދިރާސާގައިވާ ގޮތުން، ދުނިޔޭގެ އާބާދީގައި އެހެން ދީންތަކުގެ ހިއްސާ ދަށްވާނެއެވެ. ހިންދޫ ދީނަށް ތަބާވާ މީހުންގެ އަދަދު އިތުރުވިޔަސް، އެމީހުންގެ ހިއްސާ 13.6 އިންސައްތައަށް ދަށްވާނެއެވެ. ބުދުދީނުގެ ހިއްސާ 2.5 އިންސައްތައަށް ވެއްޓޭނެއެވެ. ޔަހޫދީ ދީނުގެ ހިއްސާ 0.17 އިންސައްތައިގައި ހުންނާނެއެވެ. އެއްވެސް ދީނެއް ގަބޫލުނުކުރާ މީހުންގެ ނިސްބަތް 24 އިންސައްތައިން 17 އިންސައްތައަށް ދަށްވާނެއެވެ.
ކޮމެންޓު ފޮނުވާ