ކަޒަކިސްތާނުގައި ކުރިޔަށްދާ، ސަރުކާރާ ދެކޮޅު މުޒާހިރާތަކުގައި ފުލުހުންނާއި އާންމުގެ ތެރެއިން އެތައް ބަޔަކު މަރު ވެއްޖެއެވެ. ކަޒަކިންތާނުގެ ގައުމީ ޓީވީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގައި ހުއްޓުމެއްނެތި ކުރިޔަށްދާ މުޒާހިރާތަކުގައި، ލޭ އޮހޮރުވުން ބޮޑުވެ، އެގައުމުގެ ސެކިއުރިޓީ ފޯސްގެ ދެމީހެއްގެ މިއަދުވަނީ ބޯ ބުރި ކޮށްލާފައެވެ.
މިހާރު ކަޒަކިސްތާނުގައި ކުރިޔަށްދާ ހަމަނުޖެހުންތަކަކީ، މީގެ 30 އަހަރު ކުރިން، 1991ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން އެގައުމުގައި ހިގަމުންދާ އެންމެ ބޮޑު ހަމަނުޖެހުންތަކެވެ.
ސޯވިއެޓް ޔޫނިންގައި ހިމެނުނު، މިހާރު މެދުތެރޭ އޭޝިއާގެ ގައުމެއް ކަމުގައިވާ ކަޒަކިސްތާނުގައި މުޒާހިރާތައް ފެށިފައިވަނީ މި ހަފްތާފެ ބަންދުގައި، އެގައުމުގެ ތެލުގެ މުއްސދިަކަން ލިބިފައވާ ހުޅަނގުގެ ސަރަހައްދެއް ކަމުގައިވާ މަންގިސްޓައު ސަރަހައްދެއްގެ ޓައުންއެއް ކަމުގައިވާ ޒަނައުޒެންގައެވެ. އެހެން ނަމަވެސް، މި މުޒާހިރާތައް މިހާރުވަނީ އެގައުމުގެ އެކި ސަރަހައްދުތަކަށް ފެތުރިގެން ގޮސްފައެވެ.
މި މުޒާހިރާތަކާއެކު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ކަޒަކިސްތާންގެ ރައީސް ކަސީމް ޖޮމާޓް ޓޮކަޔޭވް ވަނީ އެގައުމުގެ ސަރުކާރު އުވާލާ، އަދި ދެފަހްތާގެ ސްޓޭޓް އޮފް އެމަޖެންސީ މުޅި ގައުމުގައި އިއުލާން ކޮށްފައެވެ. އެހެންނަމަވެސް އެގައުމުގެ ރައީސް އެޅުއްވި މި ފިޔަވަޅަށްފަހުވެސް، ކުރިޔަށްދާ ހަމަނުޖެހުންތަކަށް ހައްލެއް ލިބިގެން ގޮސްފައެއް ނުވެއެވެ.
ތެލުގެ އަގު މައްޗަށް ދިއުމާދެކޮޅަށް އެންމެ ފުރަތަމަ ކުރަންފެށި މުޒާހިރާތައް ސަރުކާރާ ދެކޮޅު މުޒާހިރާތަކަށް ބަދަލުވެ، އަދި މި މުޒާހިރާތަކުގެ ތެރެއިން، އެގައުމުގައި 30 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަންކުރި ކުރީގެ ރައީސް ނޫރުސުލްތާން ނަޒަރުބަޔޭވްގެ ދައުރުއްސުރެ އުފެދިފައިވާ ރުޅިވެރިކަން މި ހަމަނުޖެހުންތަކުން ފެންނަމުންދާ ކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރަޝިއާގެ ޓާސް (TASS) ނިއުސް އެޖެންސީން، ކަޒަކިސްތާނުގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާގޮތުގައި، މި ހަމަނުޖެހުންތައް ފެށުނުފަހުން މިހާތަނަށް 1000 މީހުންނަށް އަނިޔާވެފައި ވާއިރު، 400 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
ރަޝިއާގެ ސަރުކާރުން ބުނެފައިވަނީ، މި ހަމަނުޖެހުންތައް ހުއްޓުވަކަމަށް ގެނައުމަށްޓަކާ، ޓެރަރިޒަމާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، އަދި މުހިންމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންނަތަން ހުއްޓުމަކަށް އަޔަ ނުދިނުމުގެ ގޮތުން އެގައުމުންދަނީ އަވައްޓެރި ކަޒަކިސްތާންއާއި އަދި އެނޫނަސް އެކިވެރި އެހެނިހެން ގައުމުތަކާއެކު މަޝްވަރާ ކުރަމުން ކަމުގައެވެ.
ރަޝިއާއިން މިހާރުވެސް ވަނީ، މޮސްކޯއިން އިސްނަގައިގެން ހަދާފައިވާ ކަލެކްޓިވް ސެކިއުރިޓީ އޯގަނިޒޭޝަނެއްގެ ދަށުން ކަޒަކިސްތާނަށް ސުލްހަ ބަލަހައްޓާ ސިފައިން ފޮނުވާފައެވެ.
އަދި މިހާރު ކުރިޔަށްދާ ހަމަނުޖެހުނުން ހުއްޓުވުމަށް ރަޝިއާގެ ޕެރަޓްރޫޕްސް ކަޒަކިސްތާނަށް ފޮނުވާފައިވާތީ، އެގައުމުގެ މިނިވަންކަމަށް އިހުތިރާމްކުރުމަށް ޔޫރަޕިއަން ޔޫނިއަންއިން ވަނީ ރަޝިއާއަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ