ހެއިޓީގެ ބޮޑުވަޒީރުވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފަ

ހެއިޓީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ހެއިޓީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ގައުމުގައި މީހުން މެރުމާއި އަދި މީހުން ރަހީނުކުރުން އާންމުވެ، މިކަމުގެ ކަންބޮޑުވުން އިންތިހާއަށް ފެތުރި، ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެފައި ވަނިކޮށް، ހެއިޓީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްފައިވިއެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވިއިރު، ހެއިޓީ ދަނީ، އެގައުމުގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށްޓަކާ ބޭއްވުމަށް ހަޖެހިފައިވާ އާންމުގެ ޚިޔާލު ހޯދުމުގެ ވޯޓުގެ އިތުރުން، މިއަހަރު ފަހުކޮޅު އަގައުމުގައި އާންމު އިންތިޚާބު ބޭއްވުމަށްވެސް ތަައްޔާރުވަމުންނެވެ.

2020 ވަނަ އަހަރުން ފެށިގެން ހެއިޓީގެ ބޮޑުވަޒީރުކަމުގެ މަގާމް އަދާ ކުރައްވަމުން ގެންދަވާ ޖޯސެފް ޖޮއުތް، މިފަހްތާގެ ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވިއިރު، އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަ ކޮށްފައެއް ނުވެއެވެ. އަދި ޖޮއުތް މަގާމުން އިސްތިއުފާ ދެއްވުމާއެކު، ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސްވަނީ މިމަގާމަށް އާބޭފުޅަކު އައްޔަން ކުރައްވާފައެވެ.

ޖޯސެޕް ޖޮއުތު ވަނީ މީގެކުރިންވެސް މަގާމުން އިސްދެއްވުމަށް މަސައްކަތް ކުރައްވާަފައެވެ. އެހެންނަމަވެސް، އެފަހަރުތަކުގައި، ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް ވަނީ އޭނާގެ އިސްތިއުފާ ގަބޫލު ނުކުރައްވާފައެވެ.

އެމެރިކާ ބައްރުގައިވާ އެންމެ ފަގީރު ގައުމު ކަމުގައިވާ ހެއިޓީ ވަނީ ފަގީރުކަމާއި، ރައްކާތެރިކަމެއް ނެތުމުގެ އިތުރުން، ގުދުރަތީ ކާރިސާތަކާއި އަދި ކޯވިޑް ކާރިސާގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ތެރޭގައެވެ.

ކެރީބިއަން ސަރަހައްދުގައި އޮންނަ މިގައުމުގައި، ހަތިޔާރުއެޅި ޖަމާއަތްތަކުގެ ބާރުގަދަ ވުމުގެ ސަބަބުން، ފައިސާ ހޯދުމަށް މީހުން ހައިޖެކް ކުރުމާއި މީހުން ވަގަށް ނެގުން ވަނީ އާންމު ވެފައެވެ. އަދި އެގައުމުގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށްވެސް އެއްވެސް ހައްލެއް އައިސްފައެއް ނުވެއެވެ.

ހެއިޓީގެ މިހާރުގެ ރައީސް މޮއިސްގެ ދައުރު ހަމަވެފައިވާ ކަމަށް ބުނެ، އަދި ގައުމުގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ނެތުމުގެ ސަބަބުން ސަރުކާރާ ދެކޮޅަށް ފަހަކަށް އައިސް ހެޓީގައިވަނީ ވަރުގަދަ މުޒާހިރާތަކެއް ކުރެވިފައެވެ.

ހެއިޓީގެ މަދަނީ ޖަމްއިއްޔާތަކާއި އަދި ގާނޫނީ ގިނަ ބޭފުޅުން ގަބޫލުކުރާ ގޮތުގައި، މިއަހަރު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މިހާރުގެ ރައީސް މޮއިސްގެ ދައުރުވަނީ ހަމަވެފައެވެ. އެހެންނަމަވެސް، މޮއިސް ވިދާޅުވަމުން ގެންދަވަނީ، އޭނާގެ 5 އަހަރުގެ ދައުރު 2022 އާއި ހަމައަށް ދެމި އޮންނާނެ ކަމަށެވެ.

މޮއިސްގެ ދައުރުގެ މުއްދަތާއި ގުޅޭގޮތުން ޚިޔާލުތަފާތުވުން އުފެދިފައިވަނީ، 2015 ބަނައަހަރު ހެއިޓީގައި ބޭއްވުނު ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވި ނަމަވެސް، މަކަރުހަދާ އޮޅުވާލާފައި ވާކަމަށް ތުހުމަތު ކުރެވި އެ އިންތިޚާބު ބާތިލް ކޮށްފައިވާތީއެވެ. އޭނާ އަލުން އިންތިޚާބު ވެވަޑައިގައތީ އޭގެ އެއް އަހަރު ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެންނެވެ.

ހެއިޓީގައި 2019 ވަނަ އަހަރު އޮކްޓޯބަރމަހު ބޭއްވުމަށް ހަމަޖެހުނު މަޖިލިސް އިންތިޚާބު ވަކި މުއަދަތެއްނެތި ފަސް ކުރުމާއި ގުޅިގެން، މިއަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެގައުމުގައި މެމްބަރުން އިންތިޚާބު ކޮށްފައިވާ ގާނޫނު ހަދާ މަޖިލިހެއް ނެތެވެ.

ގައުމުގައި ސިޔާސީ ހަމަނުޖެހުންތައް ހިގަމުން ދިޔަ ނަމަވެސް،  އެގައުމުގެ ރައީސް މޮއިސް ވިދާޅުވެފައިވަނީ، ގާނޫނު އަސާސީ އިސްލާހުކުރުމަށްޓަކާ ފެންނަ ނުފެންނަ ވޯޓެއް މިއަހަރު ފަހުކޮޅު ބާއްވާނެ ކަމަށެވެ. ފާޑު ވިދާޅުވާ ފަރާތްތަކުން ތުހުމަތު ކުރަނީ، މި ފެންނަ ނުފެންނަ ވޯޓަކީ މޮއިސް އޭގާނެ މުށުތެރެއަށް އިތުރު ބާރުތައް ލެއްވުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓެއް ކަމުގައެވެ.

ހެއިޓީ ހިމެނިގެން ދަނީ، ދުނިޔޭގައި އެންމެ ގިނައިން ބޮޑުވަަޒީރުން ކުރު މުއްދަތެއްގައި ބަދަލުވެފައިވާ ގައުމުގެ ގޮތުގައެވެ. 2015 ވަނަ އަހަރުގެ ފަހުން އެގައުމުގައި ބޮޑުވަޒީރު ކަމުގެ މަގާމަށް 8 ބޭފުޅަކު ވަނީ އައްޔަން ކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *