ގާޒާގެ ދެކުނުގައި ހުންނަ ނާސިރު ހޮސްޕިޓަލަށް ބުދަ ދުވަހުގެ ރޭ އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭ ގޮތަށް މަދުވެގެން ހަ މީހަކު ޝަހީދުވެއްޖެ އެވެ.
ގާޒާގެ ސިވިލް ޑިފެންސްއިން ބުނީ ހަމަލާ ދީފައިވަނީ ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ކަމަށެވެ. ޝަހީދުވި މީހުންގެ ތެރޭގައި 52 އަހަރުގެ ޑޮކްޓަރު ރިޒްގު އަބޫ ޝާއިރާ އާއި، އޮޕަރޭޝަނަކަށް ތައްޔާރުވަމުން ދިޔަ 13 އަހަރުގެ ކުއްޖަކު ހިމެނެއެވެ. އަދި 40 މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ހާލު ސީރިއަސް ދެ ޑޮކްޓަރަކު ވެސް ހިމެނެއެވެ.
ހޮސްޕިޓަލުން ލިބުނު ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާގައި ދެ ބޮން އަޅާފައިވާއިރު، ނުގޮވާ ހުރި ބޮމަކީ އެމެރިކާގައި އުފައްދާ 250 ޕައުންޑުގެ ޖީބީޔޫ-39/ބީ ބޮމެކެވެ. އިސްރާއީލުން ބުނީ ހަމާސްގެ ޚާން ޔޫނިސް ބްރިގޭޑްގެ ކޮމާންޑަރު މުހައްމަދު އަބޫ އިސްމާއީލާއި ހޮސްޕިޓަލުގައި ފޮރުވިފައި ތިބި ހަނގުރާމަވެރިން އަމާޒުކޮށް ހަމަލާ ދިން ކަމަށެވެ. ނަމަވެސް އެ ކޮމާންޑަރު މަރުވިކަން އެމީހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ގާޒާގެ ހެލްތު މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް ޑޮކްޓަރު މުނީރު އަލް ބުރުޝް ވިދާޅުވީ ގާޒާގެ ރައްޔިތުންނަށް ދާނެ ތަނެއް މިހާރު ނެތް ކަމަށާއި، ދުނިޔެއިން އެދެނީ މަރުވާ މީހުން ގުނުމުގެ ބަދަލުގައި ދިރިތިބި މީހުން ރައްކާތެރިކުރުމަށް ކަމަށެވެ.
އެމެރިކާގެ މެދުވެރިކަމާއެކު އަހަރެއްހާ ކުރިން ސުލްހައަށް އެއްބަސްވި ނަމަވެސް، އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ފަހުން ވެސް 1,400 އަށް ވުރެ ގިނަ މީހުން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެއްޖެ އެވެ. މި ހަމަލާއާ ގުޅިގެން ބޯޑް އޮފް ޕީސް އިން ދެ ފަރާތަށް ގޮވާލީ އާންމުން ރައްކާތެރިކުރުމަށް ކޮށްފައިވާ ވައުދުތަކަށް އިހުތިރާމްކުރުމަށެވެ. އަދި ފެންބޮޑުވުމުން ހާލުގައި ޖެހިފައިވާ ދެ މިލިއަނެއްހާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅާ ކަމަށް ބުނެ އެ ބޯޑުން އިސްރާއީލަށް ފާޑުކިޔާފައިވެ އެވެ.
ކޮމެންޓު ފޮނުވާ