ބައިނަލްއަގްވާމީ މާލީ ނިޒާމު ބަދަލުކުރަން ކޮޕް31 ގައި ރައީސް ގޮވާލައްވައިފި

ބައިނަލްއަގްވާމީ މާލީ ނިޒާމު ބަދަލުކުރަން ކޮޕް31 ގައި ރައީސް ގޮވާލައްވައިފި

Author
އަހުމަދު
13 ނޮވެމްބަރ 2026 09:23
0

 

ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމަކީ މޫސުމީ މާލީ އެހީ ލިބުމަށް ހުރަހަކަށް ނުވާނެ ގޮތަށް ބައިނަލްއަގްވާމީ މާލީ އޮނިގަނޑު އިސްލާހުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ވިދާޅުވީ ކޮޕް31 ގެ ހަވާސާގައި އެއޯސިސްގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބައްދަލުކުރެއްވުމުގައެވެ.

2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަމާޒު ހާސިލުކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލު ކަމަށް ރައީސް ވިދާޅުވިއެވެ. މޫސުމީ ފައިނޭންސަކީ ފަސޭހައިން ލިބޭ، ޔަގީންކަން ހުރި، ހިލޭ އެހީއެއްގެ ގޮތުގައި ލިބެންވީ އެއްޗެއް ކަމަށާއި، މި ކާރިސާ އުފެދުމުގައި ހިއްސާއެއް ނެތް ގައުމުތަކަށް ބޮޑު އިންޓަރެސްޓުގައި ދަރަނި ނަގަން މަޖުބޫރުވެގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް ލަފާކުރާ "ސުޕާ އެލް ނީނޯ" ގެ އަސަރުތަކަށް ބަލައި، އެޑެޕްޓޭޝަން ފައިނޭންސް އިތުރުކުރުމަށާއި ލޮސް އެންޑް ޑެމޭޖް ފަންޑަށް އަވަހަށް ފައިސާ ޖަމާކުރުމަށް ރައީސް ގޮވާލެއްވިއެވެ. އަދި މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ކުރާ އިންވެސްޓްމަންޓްތަކުން ދިގު މުއްދަތުގައި ލިބޭ އިގްތިސާދީ ފައިދާ ވަޒަންކުރުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކަށާއި ކްރެޑިޓް ރޭޓިން އޭޖެންސީތަކަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ގްލޯބަލް އިލެކްޓްރިފިކޭޝަން، ކުނި މެނޭޖްކުރުން، ސާކިއުލާ އިކޮނޮމީ އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރި ސިޓީތައް ބިނާކުރުމަށް ކޮޕް31 ގައި ފެށި އިސްނެގުންތަކަށް ރައީސް މަރުހަބާ ވިދާޅުވިއެވެ. ނަމަވެސް މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފައިސާއާއި، ޓެކްނޮލޮޖީއާއި، ތަންފީޒުކުރުމުގެ އެހީ ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.