އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނައިބު ރައީސް ޖޭޑީ ވޭންސް އީރާނާއެކު ކުރަމުންދިޔަ މަޝްވަރާތަކުގެ ޒިންމާއިން ވަކިކޮށްފިއެވެ. ޓްރަމްޕް މި ނިންމުން ބުރާސްފަތި ދުވަހު އިއުލާނުކުރީ، މިދިޔަ ހަފުތާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ ބަލިވުމުގެ މައިގަނޑު ސަބަބަކީ އީރާން ހަނގުރާމަ ކަމަށް ވޭންސް ބުނުމުންނެވެ.
ޓްރޫތު ސޯޝަލްގައި ޓްރަމްޕް ކުރި ޕޯސްޓެއްގައި ބުނީ، ޑިމޮކްރެޓުން ވެރިކަންކުރާ ސްޓޭޓްތަކާއި ސިޓީތަކުގައި ހިނގާ ކަމަށް ބުނާ ކޮރަޕްޝަނާއި ކުށްތައް ހުއްޓުވުމަށް ފުރިހަމަ ސަމާލުކަން ދިނުމަށް ވޭންސްއަށް އަންގާފައިވާ ކަމަށެވެ. މިނެސޯޓާ، ކެލިފޯނިއާ އަދި އިލިނޮއީ ފަދަ ސްޓޭޓްތަކުން ކޮންމެ މަހަކު ބިލިއަނުން ޑޮލަރު ވަގަށް ނަގާ ކަމަށް ވެސް ޓްރަމްޕް ތުހުމަތުކުރިއެވެ.
އީރާނާއެކު އެއްބަސްވުމަކަށް އައުމުގެ ބޭނުމެއް އެމެރިކާއަށް މިހާރު ނެތް ކަމަށް ޓްރަމްޕް ބުންޏެވެ. އީރާނުގެ ސަތޭކަ ބިލިއަނުން ޑޮލަރާއި ހޮރްމޫޒް ކަނޑުއޮޅި އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށް ވެސް އޭނާ ލިޔުނެވެ.
2028 ގެ ރިޔާސީ އިންތިޚާބަށް ވާދަކުރާނެ ކަމަށް ބެލެވޭ ވޭންސް، މިދިޔަ އޭޕްރީލް މަހު ޕާކިސްތާނުގެ މެދުވެރިކަމުގައި އިސްލާމްއާބާދުގައި އީރާނުގެ ޕާލަމެންޓްގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފްއާ ބައްދަލުކުރިއެވެ. 1979 ގެ އިސްލާމީ އިންޤިލާބަށްފަހު ދެ ޤައުމުގެ ދެމެދު އެންމެ މަތީ ފެންވަރުގައި ބޭއްވި ސީދާ މަޝްވަރާ ކާމިޔާބުނުވުމުން، އެމެރިކާއިން އީރާނުގެ ބަނދަރުތަކާއި ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އީރާނުގެ ފައިސާ ހިފަހައްޓާފައިވެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއެކު މި ހަނގުރާމަ ފެށުނީއެވެ. ޓްރަމްޕްގެ މި ނިންމުމާ ބެހޭގޮތުން ވައިޓް ހައުސްއިން އަދި ނައިބު ރައީސްގެ އޮފީހުން އަދި އެއްވެސް ކަމެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ