އެމެރިކާގެ ވާޖީނިއާގެ މަނާސަސްގައި ދިރިއުޅުނު 28 އަހަރުގެ ނަރުހެއް ކަމަށްވާ މަމްތާ ކަފްލޭ ބަޓް ގަސްދުގައި މަރާލި ކުށް، އޭނާގެ ފިރިމީހާ، 39 އަހަރުގެ ނަރޭޝް ބަޓްގެ މައްޗަށް އަންގާރަ ދުވަހު ޖޫރީން ސާބިތުކޮށްފިއެވެ. ފޮކްސް 5 ޑީސީން ރިޕޯޓުކުރި ގޮތުގައި، ހަށިގަނޑަށް އިހާނެތިކޮށް ހިތުމާއި ހަށިގަނޑު ފޮރުވުމުގެ ދައުވާތައް ވެސް އޭނާގެ މައްޗަށް ސާބިތުވެފައިވެއެވެ.
މަމްތާ އެންމެ ފަހުން ފެނިފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި 27 ގައި، އޭނާ މަސައްކަތްކުރި ޔޫވީއޭ ހެލްތު ޕްރިންސް ވިލިއަމް މެޑިކަލް ސެންޓަރުންނެވެ. އޭނާގެ ހަށިގަނޑު މިއަދާ ހަމައަށް ވެސް ފެނިފައެއް ނުވެއެވެ.
ނަރޭޝް ޝަރީއަތުގައި ބުނީ އަނބިމީހާ މަރާލީ އޭނާ ނޫން ކަމަށެވެ. ސެލްފޯސް ކިޔާ ވިހަ ބޭހެއްގެ ޕެކެޓެއް ކައިރީގައި އަނބިމީހާ ހޭނެތިފައި އޮއްވާ ފެނުމުން ބިރުގަނެ، ހަށިގަނޑު ކޮށާލައި ކުނި ކޮތަޅުތަކަކަށް އަޅައިގެން އުކާލީ ކަމަށް އޭނާ ބުންޏެވެ. އެ ދަތުރުތަކުގައި 11 މަސްވީ ދަރިފުޅު ވެސް އޭނާއާއެކު ހުރި ކަމަށް ވެސް ބުންޏެވެ.
މި ނިންމުމަކީ މަމްތާއަށް ލިބުނު އިންސާފެއް ކަމަށާއި، ދެ އަހަރަށް ވުރެ ގިނަ ދުވަސް ހިތާމައިގައި ތިބި އޭނާގެ އާއިލާއަށް ލިބުނު ތަސައްލީއެއް ކަމަށް ކޮމަންވެލްތު އެޓާނީ އޭމީ އޭޝްވޯތު ވިދާޅުވިއެވެ. މަމްތާގެ އެކުވެރިން ވެސް ނިންމުމަށް އުފާފާޅުކުރިއިރު، ގެވެށި އަނިޔާއިން އަންހެނުން ރައްކާތެރިކުރުމަށް އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމީހުން ބުންޏެވެ.
ނަރޭޝްއަށް އުމުރަށް ޖަލު ހުކުމެއް ލިބިދާނެއެވެ. އަދި ހަށިގަނޑާ ގުޅޭ ދެ ދައުވާއިން ކޮންމެ ދައުވާއަކަށް އިތުރު ފަސް އަހަރު ވެސް ލިބިދާނެއެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްފައި އޮތުން ފަނޑިޔާރު ބާތިލުކުރައްވާފައިވާއިރު، ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ މާޗް 12 އަށެވެ.
ކޮމެންޓު ފޮނުވާ