ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ ބޭއަދަބީ ހަރަކާތެއް ހިންގި ތުހުމަތުގައި ނައުޝާދު އަލުން ހައްޔަރުކޮށްފި

ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ ބޭއަދަބީ ހަރަކާތެއް ހިންގި ތުހުމަތުގައި ނައުޝާދު އަލުން ހައްޔަރުކޮށްފި

Author
އަހުމަދު
12 ނޮވެމްބަރ 2026 01:41
0

 

މާލޭގެ މަސްޖިދުލް ފުރުގާނުގައި ނަމާދުކުރަން ހުރި އަންހެނެއްގެ ކުރިމަތީ ބޭއަދަބީ ހަރަކާތެއް ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން އަލުން ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރީ 32 އަހަރުގެ ނައުޝާދު މޫސާއެވެ.

ހާދިސާ ހިނގީ އިއްޔެ ހެނދުނުއެވެ. އަންހެނަކު ޟުޙާ ނަމާދަށް ހުއްޓައި، ނައުޝާދު އޭނާގެ ކުރިމައްޗަށް އަރައި ބަރަހަނާވެ ހުތުރު އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވެއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ނައުޝާދު ހައްޔަރުކުރި ކަމަށެވެ. މިފަދަ ނުރައްކާތެރި އަމަލުތައް ތަކުރާރުނުވުމަށް ބޭނުންވާ ގާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މާލޭގެ އެކި މިސްކިތްތަކަށް ނައުޝާދު ތަކުރާރުކޮށް ގެއްލުންދީފައިވެއެވެ. ސެޕްޓެންބަރު 25 ގައި އޭނާ ހައްޔަރުކުރުމަށްފަހު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓިއެވެ. މި މަހުގެ 1 ގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުކޮށް، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ޝަރީއަތުގެ މުއްދަތުގައި އޭނާ އެއް މަހާއި 21 ދުވަސް ބަންދުގައި ހޭދަކޮށްފައިވިއެވެ. އެ މުއްދަތު ހުކުމުން އުނިކުރުމުން އިތުރު އަދަބެއް ބާކީ ނުހުރުމުން، މި މަހުގެ 4 ގައި އޭނާ ދޫކޮށްލިއެވެ.

ކޯޓުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ނައުޝާދުގެ މައްޗަށް މީގެ ކުރިން ވެސް މިފަދަ ކުށްތަކާއި އެހެން ކުށްތަކުގެ ރެކޯޑު އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.