ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ވައިގަދަވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ވައިޓް އެލަރޓް ނެރެފިއެވެ.
މި އެލަރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން މިރޭ 20:00 އާ ހަމައަށެވެ. މި މުއްދަތުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެދާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓްގާޑުން އިރުޝާދު ދީފައިވެއެވެ. ދަތުރަށް ނިކުތުމުގެ ކުރިން އުޅަނދުގެ ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ބަލައި، ހުއްދަ ލިބިފައިވާ މިންވަރަށްވުރެ ބުރަކޮށް މުދާ ނާޅުމަށް އެ ބާރުން އެދިފައިވެއެވެ.
ފެންބޮޑުވެދާނެތީ ގެތަކަށް ފެން ނުވަދެވޭނެ ގޮތަށް ވެލިބަސްތާ ޖަހައި، އަގުބޮޑު މުދާ އުސް ތަންތަނަށް ބަދަލުކުރުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފައިވެއެވެ. ވައިގަދަވެގެން ފުރާޅު އެއްލައިލުމުން ރައްކާތެރިވުމަށް ފުރާޅު ރަނގަޅަށް ހަރުކޮށް، ގަސްގަހާގެހި ކޮށައިލުމަށްވެސް އެ އޮތޯރިޓީން އަންގާފައިވެއެވެ.
ކޮމެންޓު ފޮނުވާ