ތުރުކީގެ އަންތާލިޔާގައި ފެށި "އަންތާލިޔާ ލީޑަރސް ސަމިޓް"ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ރަސްމިއްޔާތަށްފަހު ރައީސް މުޢިއްޒު، އެކި ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ ވެރިންނާއެކު ނަގާ ރަސްމީ އާއިލީ ފޮޓޯގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީއަށް ވަޑައިގެންފައިވަނީ، މޫސުމީ ބަދަލުތަކާ ބެހޭ އދ. ގެ އިދާރާއިން ބާއްވާ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31)ގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ކޮންފަރެންސް ކުރިއަށްދަނީ މިމަހުގެ 10 އިން 14 އަށެވެ.
"ޓުވާޑްސް އަ ސަސްޓެއިނަބަލް، ރެސިލިއެންޓް، އެންޑް އިކުއިޓިބަލް ފިއުޗާ" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓުގައި ދުނިޔޭގެ ލީޑަރުން މަޝްވަރާކުރާނީ ސާފު ހަކަތައަށް ބަދަލުވުމާއި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމާ ބެހޭގޮތުންނެވެ. މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ބޭނުންވާ ފައިސާގެ އެހީއާއި، ސިޓީތައް މޫސުމީ ބަދަލުތަކަށް ތައްޔާރުކުރުމާ ބެހޭގޮތުންވެސް ލީޑަރުން މަޝްވަރާކުރާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ