ތެލަސީމިއާ ކެރިއަރުންނަށް ދޫކުރާ ކާޑު ޑިޖިޓަލްކޮށް، "ތެލަސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު" ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
ކުރިން ދޫކުރަމުން އައި ކަރުދާހުގެ ނުވަތަ ޕްރިންޓް ކާޑުތަކުގެ ބަދަލުގައި ތަޢާރަފުކުރި އާ ކާޑު، ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ފޮނުވައިދެނީ ވަޓްސްއެޕާއި އީމެއިލް މެދުވެރިކޮށެވެ. ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އެނގޭނެ 7 ބާވަތެއްގެ ސިފަ މި ކާޑުގައި ހިމެނެއެވެ. އަދި ކާޑުގެ ޞައްޙަކަން ކަށަވަރުކުރުމަށާއި ޢާއިލާ ރޭވުމާ ގުޅޭ އިރުޝާދުތައް ފަސޭހައިން ހޯދުމަށް ކިޔު.އާރް ކޯޑެއްވެސް ހިމަނާފައިވެއެވެ.
މި ފިޔަވަޅު އަޅާފައިވަނީ ލޭގެ ބަލިތަކަށް ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން މަރުޙަލާވާރުކޮށް ކުރިއަށްގެންދާ މަސައްކަތުގެ ބައެއްގެ ގޮތުންނެވެ. މި މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށެވެ.
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން ސްކްރީނިންގ ހަރުދަނާކުރުމަށް، ސަރުކާރުގެ ޞިއްޙީ މަރުކަޒެއްގައި ޑީ.އެން.އޭ ލެބޯރެޓަރީއެއް ޤާއިމުކޮށް، މިއަހަރުގެ ފެބްރުއަރީ 8 ން ފެށިގެން ޚިދުމަތް ދެމުންދެއެވެ. ހީމޮގްލޯބިންގެ މިއުޓޭޝަން ދެނެގަތުމުގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޯރުކޮށްދެނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށެވެ.
ކޮމެންޓު ފޮނުވާ