ސްކޭމްގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ހައްޔަރުކުރެވިފައިވަނީ 27 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ. ކޯޓު އަމުރުތަކުގައިވާ ގޮތުން، މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭނެ ހެކި ފުލުހުން ހުށަހަޅާފައިވެއެވެ. އެ ހެކިތަކުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ހިމެނެއެވެ. އަދި ބީއެމްއެލަށް ފުލުހުން ފޮނުވި މެއިލާއި އޭގެ ޖަވާބު ވެސް ހިމެނެއެވެ. ފިރިހެން މީހާގެ މައްސަލައިގައި ސްނެޕްޝޮޓް ރިޕޯޓެއް ވެސް ހުށަހަޅާފައިވެއެވެ.
އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި، އެ ފިރިހެން މީހާ ހޯދުމަށް ފުލުހުން ވަނީ މިދިޔަ އޮގަސްޓު މަހު އިއުލާނުކޮށްފައެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު، އޯޓީޕީ އާއި ޕިން ނަންބަރު ފަދަ ބޭންކް އެކައުންޓާ ގުޅޭ ކޯޑެއް އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން އިރުޝާދުދެއެވެ. އަދި ސްކޭމް ކޯލެއް ކަމަށް ހީވާނަމަ، ވަގުތުން ފޯނު ކަނޑާލައި ރިޕޯޓްކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ