ޑުޕްލެކްސްގެ ދަރަނި ހުކުމާ އެއްގޮތަށް ދައްކާނަން: ޝަމްހީދު

ޑުޕްލެކްސްގެ ދަރަނި ހުކުމާ އެއްގޮތަށް ދައްކާނަން: ޝަމްހީދު

Author
އަހުމަދު
12 ނޮވެމްބަރ 2026 01:32
0

 

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ގެރެންޓީ ދެއްވި ލޯނެއްގެ ދަރަނި، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައްކައި ހަލާސްކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި 500,000 ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ"ގެ ފައިސާ ނުދެއްކުމުން، ލޯނަށް ގެރެންޓީ ދިން ފަސް ފަރާތާ ދެކޮޅަށް ބޭންކުން ދައުވާ ކުރިއެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމީ، ޝަމްހީދު ހިމެނޭ ފަސް ފަރާތުން ހަ މަސް ދުވަހުގެ ތެރޭގައި 36,647.76 ޑޮލަރާއި، ޖޫރިމަނާ އަދި ޗެރިޓީ ފައިސާ ދައްކަން ޖެހޭ ކަމަށެވެ.

ބަޔާނެއް ނެރުއްވައި ޝަމްހީދު ވިދާޅުވީ، ޑުޕްލެކްސް އުފެއްދެވީ ކުރީގެ ރައްޓެހިންތަކަކާ އެކު ކަމަށާއި، ޚިޔާލު ތަފާތުވުމުން ހަތް އަހަރު ވަންދެން ކުންފުނީގެ ހިންގުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. ލޯނު ނެގީ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަކަށް ކަމަށާއި، ގެރެންޓީ ދެއްވީ އެހީތެރިވުމުގެ ނިޔަތުގައި ކަމަށް ވިދާޅުވިއެވެ. ކުންފުނިން އެއްބާރުލުން ނުދިނުމުން ފައިސާ މިހާތަނަށް ދައްކަވަމުން ގެންދަވަނީ އަމިއްލައަށް ކަމަށާއި، ކޯޓަށް ހާޒިރުވާން އެންގުމެއް ނުލިބި، ހުކުމް އެނގުނީ އީމެއިލަކުން ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް މަސައްކަތް ކުރައްވާ ޝަމްހީދު ވިދާޅުވީ، ކުންފުނީގެ މިހާރުގެ ވެރިން ތާއީދު ކުރަނީ އޭނާއާ ވާދަކުރާ ކެންޑިޑޭޓަކަށް ކަމަށާއި، މި މައްސަލަ ސިޔާސީ ކޮށްގެން އަބުރު ނަގާލަން ޖާގަ ނުދެއްވާނެ ކަމަށެވެ. ލޯނަކީ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ނޫން ނަމަވެސް، ގާނޫނީ ޒިންމާއެއް ކަމަށްވާތީ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.