ގާނޫނީ ދަރިވަރުންގެ ޕެޓިޝަނަށް ޖުޑިޝަރީ ކޮމިޓީގެ ތާއީދު

ގާނޫނީ ދަރިވަރުންގެ ޕެޓިޝަނަށް ޖުޑިޝަރީ ކޮމިޓީގެ ތާއީދު

Author
އަހުމަދު
23 ނޮވެމްބަރ 2026 02:34
0

 

ގާނޫނީ ދާއިރާގެ ޑިގްރީއަށް މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އަންގަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު އިއްތިފާގުން ނިންމައިފި އެވެ.

ގާނޫނީ ތައުލީމުގެ މިނިމަމް ސްޓޭންޑަޑްސްއަށް ބާ ކައުންސިލުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހާއެކު، އަންނަ އަހަރުގެ 1 ޖެނުއަރީން ފެށިގެން ގާނޫނީ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނެއް ހަދަން ޖެހޭނީ އިމްތިހާނު މަރުކަޒަކަށް ހާޒިރުވެގެންނެވެ. ނަމަވެސް ކޮމިޓީން މިއަދު ނިންމީ، މި އުސޫލު ހަމައެކަނި އަލަށް ކޯހަށް ވައްދާ ދަރިވަރުންނަށް ތަންފީޒުކުރުމަށެވެ.

އޮންލައިންކޮށް ކިޔެވުމާއި އިމްތިހާނު ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބަލައިގެން ކޯހަށް ވަދެފައިވާއިރު، ކޯހުގެ މެދުތެރެއިން މިފަދަ ބަދަލެއް ގެނައުމަކީ އިދާރީ ގާނޫނުން ލިބިދޭ ހައްގު ގެއްލުވާލުން ކަމަށް ބުނެ، ދަރިވަރުންތަކެއް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ.

ބާ ކައުންސިލުން ކުރިން ބުނެފައިވަނީ، މާލެ އަންނަން އުނދަގޫ ދަރިވަރުންނަށް ރަށުގެ ސްކޫލެއް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ހެދުމުގެ އިންތިޒާމު ހަމަޖެއްސުމަށް މި އިސްލާހު ހުރަހެއް ނާޅާ ކަމަށެވެ.

މި ބަދަލާމެދު ކަންބޮޑުވުން އޮތްއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހިމެނޭ ގޮތަށް، ވެރި ޕީއެންސީގެ ބައެއް މެމްބަރުން ވެސް ގާނޫނީ ދާއިރާއިން ކިޔަވަވަމުން ގެންދަވަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.