ތުރުކީގެ އަންތާލިއާގައި ބޭއްވި އދ.ގެ މޫސުމީ ސަމިޓް، ކޮޕް31، އެއްވެސް އެއްބަސްވުމަކަށް ނާދެވި މިއަދު ނިމިއްޖެ އެވެ. ފޮސިލް ފިއުލްގެ ނަން ވެސް ނުހިމަނާ ތައްޔާރުކުރި ދެލިކޮޕީއަށް އީޔޫ އާއި ކުދި ޖަޒީރާ ގައުމުތައް ހިމެނޭ ގިނަ ގައުމުތަކުން ދެކޮޅު ހެދިއެވެ. އޭގެ ސަބަބުން ރަސްމީ ވަގުތަށް ވުރެ 44 ގަޑިއިރު ފަހުން، ހަލަބޮލިކަމާއެކު ސަމިޓް ނިންމާލި ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައިވެ އެވެ. އެއީ އދ.ގެ މޫސުމީ ސަމިޓުތަކުގެ ތާރީހުގައި އެންމެ ދިގުލައިގެން ދިޔަ ބައްދަލުވުމެވެ.
ސަމިޓްގެ ރައީސް މުރާތު ކުރުމް ވިދާޅުވީ، ލިޔުމާ މެދު އިއްތިފާގު ނުވާތީ ނިންމުންތައް ފާސްނުވާނެ ކަމަށެވެ. އދ.ގެ މޫސުމީ މަޝްވަރާތަކުގައި ކަންކަން ނިންމަނީ އިއްތިފާގުން ކަމަށްވާތީ، އެއް ގައުމަކުން ދެކޮޅު ހެދިޔަސް އެއްބަސްވުމެއް ފާސެއް ނުވެ އެވެ.
އީޔޫގެ ރިޔާސަތު ބަލަހައްޓާ އަޔަލެންޑްގެ ކްލައިމެޓް މިނިސްޓަރު ޑަރާ އޯބްރަޔަން ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ މައި ސަބަބު ކަމަށްވާ ފޮސިލް ފިއުލްގެ ނަން ނެތް ނިންމުމަކަށް ތާއީދު ނުކުރާނެ ކަމަށާއި، ތެޔޮ އުފައްދާ ބައެއް ގައުމުތަކުން ސަމިޓް "ހައިޖެކް" ކޮށްފައިވާ ކަމަށެވެ. ސައުދީ އަރަބިއްޔާ ފަދަ ތެޔޮ އުފައްދާ ގައުމުތަކުން ފޮސިލް ފިއުލްގެ ބަސްތައް ހިމެނުމަށް ވަރުގަދައަށް ދެކޮޅު ހަދާފައިވެ އެވެ. ސައުދީގެ މަންދޫބު މުހައްމަދު އައްޔޫބް ވިދާޅުވީ، ހާލަތަށް ބަލައި ހައްލުތައް ހޮވުމުގެ ފުރުސަތު ގައުމުތަކަށް ލިބެން ޖެހޭނެ ކަމަށެވެ.
ދެލިކޮޕީގައި ފޮސިލް ފިއުލްގެ ބަދަލުގައި ބާރުއަޅާފައިވަނީ ތެޔޮ ކުންފުނިތަކުން ތާއީދުކުރާ ކާބަން ކެޕްޗާ ޓެކްނޮލޮޖީއަށެވެ. އަދި ކްލައިމެޓް އެޑަޕްޓޭޝަނަށް ކަނޑައަޅާފައިވާ 120 ބިލިއަން ޑޮލަރުގެ އަމާޒު ވެސް ދެލިކޮޕީން އުނިކޮށްފައިވުމުން، ތަރައްގީވަމުންދާ ގައުމުތަކުން ނުރުހުން ފާޅުކޮށްފައިވެ އެވެ.
މާޝަލް އައިލެންޑްސް، ޕެނަމާ، ވަނުއާޓޫ އަދި ބެލީޒް ވެސް ވަނީ އެއްބަސްވުމަށް ދެކޮޅު ހަދާފަ އެވެ. "ހުސް ވައުދުތަކަކުން އަޅުގަނޑުމެންނަކަށް ސަލާމަތެއް ނުވެވޭނެ،" މާޝަލް އައިލެންޑްސްގެ މަންދޫބު ކެތީ ޖެޓްނިލް-ކިޖިނާ ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ