އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށައިފިއެވެ.
ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވީ ކޮމިޓީގެ ނައިބު މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވީ ނަމަވެސް، އެ އިސްލާހުތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ބަހުސްގައި ކޮންމެ މެންބަރަކަށް ހަތް މިނިޓު ދިނުމަށް އާންމު ކޮމިޓީން ނިންމާފައިވެއެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ، މި ބަޖެޓަކީ އެއްވެސް ރަށެއް ބާކީ ނުވާނެ ގޮތަށް ތައްޔާރުކޮށްފައިވާ އުންމީދީ ބަޖެޓެއް ކަމަށާއި، ސިއްހީ ދާއިރާއާއި އިޖުތިމާއީ ރައްކާތެރިކަމަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. ބަޖެޓުގައި އިގްތިސާދީ ކުރިއެރުމަށް 9.6 ބިލިއަން ރުފިޔާ އަދި މަސްވެރިކަމަށް 657 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ބަޖެޓުގައި ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންކަން ހިމެނޭތީ، 2027 ވަނަ އަހަރާ ހަމައަށް ދާއިރު ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވާނެ ކަމަށެވެ. ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ފާހަގަކުރެއްވީ، ރަށްރަށުގައި ފެށިފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް ތަރުތީބުން ނިންމުމަށް ބަޖެޓުގައި އިސްކަން ދީފައިވާކަމެވެ.
އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެއީ މިއަހަރަށް ލަފާކުރި އާމްދަނީއަށްވުރެ 1.4 ބިލިއަން ރުފިޔާ ގިނަ އަދަދެކެވެ.
ކޮމެންޓު ފޮނުވާ