އަންނަ އަހަރުގެ އޭޕްރީލް މަހު ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން ހިފްޒު މުބާރާތުގެ ތައްޔާރީތައް ފުރިހަމަވެއްޖެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ހާފިޒުން ބައިވެރިވާ މި މުބާރާތަކީ މި ފެންވަރުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތެވެ.
ވަޒީރު ސޯޝަލް މީޑިއާގައި ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ބާއްވާ މި މުބާރާތުގެ ފަހު ނިންމުންތައް ނިންމުމަށް ސަޢޫދީ ސަރުކާރުގެ ޚާއްޞަ މަންދޫބަކު ރާއްޖެ ވަޑައިގެން މަޝްވަރާކުރެއްވި ކަމަށެވެ. މުބާރާތުގެ ހުރިހާ ޚަރަދެއް ކުރަނީ ސަޢޫދީ ސަރުކާރުން ކަމުން، އެ ޤައުމުގެ އެހީތެރިކަމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މި މުބާރާތާ ބެހޭ މަޝްވަރާތައް ފެށުނީ މިދިޔަ އޯގަސްޓް މަހު ވަޒީރު ސަޢޫދީއަށް ކުރެއްވި ރަސްމީ ދަތުރުގައި، އެ ޤައުމުގެ އިސްލާމިކް މިނިސްޓަރު ޝައިޚް ޑރ. ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚާ ބައްދަލުކުރެއްވުމުންނެވެ. ޑރ. ޝަޙީމް ވިދާޅުވީ މި މުބާރާތުން ސަރަޙައްދުގެ ހާފިޒުންނަށް އެއްތަނަކަށް ޖަމާވުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. އަދި ޤުރުއާނުގެ ޢިލްމު ކުރިއަރައި ސަރަޙައްދީ ގުޅުން ވަރުގަދަވާނެ ކަމަށް ވިދާޅުވިއެވެ. މި މުބާރާތް ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަން އަމާޒުކުރާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި 300 އަށް ވުރެ ގިނަ މީހުން ޤުރުއާން މުޅިން ހިތުދަސްކޮށް ސަނަދު ހާސިލުކޮށްފައިވެއެވެ. އަދި 1,800 އަށް ވުރެ ގިނަ ދަރިވަރުން ހިފްޒު ކްލާސްތަކުގައި ކިޔަވަމުން ދެއެވެ.
ކޮމެންޓު ފޮނުވާ