ނޭޕާލުގައި މިދިޔަ އޯގަސްޓް މަހު ދިމާވި ފެންބޮޑުވުމުގެ ހާދިސާއިން ގެއްލުން ލިބުނު ސަރަހައްދުތައް އަލުން ބިނާކުރުމަށް 1.62 ބިލިއަން ޑޮލަރު (240 ބިލިއަން ނޭޕާލީ ރުޕީސް)ގެ އެހީއެއް ދޭން އިންޑިއާއިން ނިންމައިފި އެވެ.
މި އެހީ އިއުލާނުކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާހްއާ ނިއުދިއްލީގައި ބައްދަލުކުރެއްވުމަށް ފަހު އެވެ. މި ދަތުރަކީ މާޗު މަހު ޝާހް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
26 އޯގަސްޓްގައި ޗައިނާގެ ބޯޑަރާ ގާތު ގްލޭޝިއާއެއް ގިރުމާ ގުޅިގެން ތްރިޝޫލީ ކޯރަށް ކުނިބުނާއި ހިލަ ފައިބައިގެން ދިމާވި ފެންބޮޑުވުމުގައި ގާތްގަނޑަކަށް 1,500 މީހުން މަރުވިއިރު، ގެއްލިފައިވާ 5,200 އަށްވުރެ ގިނަ މީހުން ވެސް މަރުވެފައިވާ ކަމަށް ބެލެވެ އެވެ. މި ހާދިސާގައި މުޅި އަވަށްތައް ފެނަށް ދިޔައިރު، ގެދޮރާއި މަގުތަކާއި ބުރިޖުތަކާއި ކަރަންޓު ވިއުގައަށް ވެސް ބޮޑު ގެއްލުންތަކެއް ލިބުނެވެ.
މޯދީ ވިދާޅުވީ މި އެހީގެ މަގްސަދަކީ ހާލުގައި ޖެހުނު އާއިލާތަކުގެ ދިރިއުޅުން ކުރީގެ ހާލަތަށް ގެނައުމާއި، ކުރިއަށް ދިމާވެދާނެ މިފަދަ ކާރިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން ނޭޕާލަށް އިތުރުކޮށްދިނުން ކަމަށެވެ.
ކާރިސާގެ ވަގުތު އެންމެ ފުރަތަމަ އެހީއަށް ނުކުތް ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭތީ ޝާހް ޝުކުރު އަދާކުރައްވައި، ނޭޕާލުގައި އިންވެސްޓްކުރުމަށް އިންޑިއާގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވި އެވެ. ދެ ލީޑަރުން ވަނީ އިގްތިސާދީ އެއްބާރުލުމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައި، ދެ ގައުމު ގުޅުވައިދޭ ރޭލު ނިޒާމު ރަސްމީކޮށް ހުޅުވައިދެއްވާފަ އެވެ. ޝާހް ވަނީ ނޭޕާލަށް ޒިޔާރަތްކުރެއްވުމަށް މޯދީއަށް ދައުވަތު ވެސް އަރުވާފަ އެވެ.
ކޮމެންޓު ފޮނުވާ