ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ގައުމަށް އެނބުރި ވަޑައިގެންފިނަމަ ހައްޔަރުކޮށް ޖަލަށް ލާނެކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނެފިއެވެ.
ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝަމާ އުބައިދް އިސްލާމް އިއްޔެ ވިދާޅުވީ، ދެ ގައުމުގެ މެދުގައި ހެދިފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމާ އެއްގޮތަށް، ހަސީނާ ޝަރީއަތަށް ހާޒިރުކުރުމަށް އިންޑިއާއިން އެކަމަނާ ހަވާލުކޮށްދޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
2024 ވަނަ އަހަރުގެ އޮގަސްޓުމަހު ހިނގި ހަމަނުޖެހުންތަކުގައި 1،400 އެއްހާ މީހުން މަރުވިކަމަށް އދއިން ބުނާއިރު، ހަސީނާއަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އަދި މި ޑިސެންބަރުމަހު ގައުމަށް އެނބުރި ވަޑައިގަތުމަށް ހަސީނާ އާ ޕާސްޕޯޓަކަށް އެދިވަޑައިގަތުމުން ސަރުކާރުން އެކަމާ ވަނީ ދެކޮޅު ހަދާފައެވެ.
ހަސީނާ އެނބުރި ވަޑައިގަތުމަށް ތާއީދުކޮށް، މަނާކޮށްފައިވާ އަވާމީ ލީގުން ފެށި މުޒާހަރާތަކުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހު މުޅި ގައުމު ހުއްޓުމަކަށް އައެވެ. ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި 28 ޑިސްޓްރިކްޓެއްގައި ބޮން ގޮއްވައި އުޅަނދުތަކަށް އަލިފާން ރޯކުރުމުން ފުލުހުންނާއި އާންމުންނަށް އަނިޔާވެފައިވާކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ޝަމާ ވިދާޅުވީ މިއީ ސިޔާސީ ގޮތުން ބަނގުރޫޓުވެފައިވާ ޕާޓީއެއް ދެމެހެއްޓުމަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، މި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ މިހާރުގެ ސިޔާސީ ނިޒާމުން ކަމަށް އަވާމީ ލީގުގެ އިސް އޮފިޝަލް ހާލިދު މަހްމޫދު ޗޯދްރީ ވިދާޅުވިއެވެ.
މީގެ އިތުރުން، 2017 ވަނަ އަހަރު ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސަލާމަތީ ބާރުތަކުން ހިންގި އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުރާސްފަތި ދުވަހު ކަނޑައަޅައިފިއެވެ. އެ ނިންމުމާ ގުޅިގެން، މިޔަންމާއަށާއި އަރަކާން އާމީއަށް ބައިނަލްއަގުވާމީ ފިއްތުންތައް ބޮޑުކުރުމަށް ބަންގްލަދޭޝުން ގޮވާލާފައިވެއެވެ. އެ ހުކުމަށް މިޔަންމާއިން ފާޑުކިޔާފައިވެއެވެ. ބަންގްލަދޭޝްގައި ރޮހިންޖާ ރެފިއުޖީން އެއް މިލިއަން ދެލައްކައެއްހާ ދިރިއުޅެއެވެ.
ކޮމެންޓު ފޮނުވާ