ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމަށް ގޮވާލައި ހުށަހެޅި ގަރާރު، ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ގަރާރު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ނާޒިލެވެ. ގަރާރު ކޮމިޓީއަށް ފޮނުވި ކަން މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، އާންމު މުހިންމު ކަމެއްގައި ރައްޔިތުންގެ ރައުޔު ހޯދުމަށް ވޯޓެއް ނެގުމަށް ނިންމޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ.
ދައުލަތުގެ ފައިސާއިން ހިއްކި މިހާ ބޮޑު ބިމެއް، ބޭރުގެ ފަރާތްތަކަށް ވަޒަންވެރިވުމުގެ ފުރުސަތާއެކު ދިގު މުއްދަތަކަށް ދޫކުރުމަކީ ދައުލަތުގެ ބިމާއި މާލިއްޔަތަށާއި ގައުމުގެ ދުރާލާ މަސްލަހަތަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި މި ކަމާ ގުޅޭ ގާނޫނު ހަދަން ޖެހޭ މަޖިލީހަށް ރައްޔިތުން ދެކޭ ގޮތް އެނގުން މުހިންމު ކަމަށް ވެސް ގަރާރުގައި ބުނެއެވެ.
ގަރާރު ފާސްވެއްޖެނަމަ، ފާސްކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ