ސައޫދީ އަރަބިއްޔާގެ ރިޔާޟާއި މަދީނާ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ސްޓްރެޓީޖިކް "އިރުމަތި-ހުޅަނގު" ތެޔޮ ހޮޅިއަށް ދިން ސިލްސިލާ ހަމަލާތަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިން ތެޔޮ ފޮނުވުން ވަގުތީ ގޮތުން މެދުކަނޑާލައިފި ކަމަށް އެ ގައުމުގެ އެނާޖީ މިނިސްޓްރީން ހުކުރު ދުވަހު ހާމަކޮށްފިއެވެ.
މިނިސްޓްރީގެ ރަސްމީ މަސްދަރަކާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު ދިން މި ހަމަލާތަކުގައި ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ ފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާ ވަނީ ފޯރުކޮށްދީފައެވެ. ހަމަލާތަކާއެކު ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޓީމުތަކާއި ފަންނީ ޓީމުތައް ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައި، ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި ހޯރުމުޒު ކަނޑުއޮޅި އަމަލީ ގޮތުން ބަންދުވުމާ ގުޅިގެން، ސައޫދީގެ ރޯ ތެޔޮ އެކްސްޕޯޓް ކުރުމުގައި މި ހޮޅި ވަނީ ފަހަކަށް އައިސް ނުހަނު މުހިންމު ވަސީލަތަކަށް ވެފައެވެ. ޢަރަބި ކަނޑުއޮޅީގެ ޓާމިނަލްތަކުން ކުރިން ފޮނުވަމުންދިޔަ ދުވާލަކު ގާތްގަނޑަކަށް 5 މިލިއަން ބަރެލްގެ ތެޔޮ، މި ހޮޅި މެދުވެރިކޮށް ރަތްކަނޑުގެ ޔަންބު ބަނދަރަށް ސައޫދީން ދިޔައީ ފޮނުވަމުންނެވެ. އެހެންކަމުން، މި ހިދުމަތް މެދުކެނޑުމަކީ ބައިނަލްއަގުވާމީ ތެޔޮ ސަޕްލައި ޗެއިނަށް ސީރިއަސް އަސަރެއް ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ