ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުގެ ދެމީހަކު ކައިވެނިކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރެމުން ދަނީއެވެ. މީގެ ސަބަބުން، ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވީ، މި މައްސަލަ ތަޙްޤީޤުކުރުމަށް މި މަހުގެ 4 ވަނަ ދުވަހު ވުޒާރާއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ރާއްޖެ މާއްދިއްޔަތަށް ދަމައިގެން ގޮސް، ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކުރާ މިފަދަ ޢަމަލުތަކުން ރާއްޖެ ރައްކާތެރިކުރުމަށް ދެމިތިބެންޖެހޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ވީޑިއޯގައި ފެންނަ ޢަމަލަކީ ޤާނޫނީ ގޮތުން ހުއްދަ ނޫން ކަމެއް ކަމަށެވެ. އެ މައްސަލަ މިހާރު ތަޙްޤީޤުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުން، ދީނީ އުސޫލުތަކާއި ޤާނޫނުތަކާއި އިޖްތިމާޢީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކުން ދުރުހެލިވުމަށް ފުލުހުން ވަނީ އެދިފައެވެ. އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ