ރިސޯޓެއްގައި އެއް ޖިންސުގެ ކައިވެނި ކޮށްދިން މައްސަލަ ފުލުހުން ތަހުޤީޤު ކުރަނީ

ރިސޯޓެއްގައި އެއް ޖިންސުގެ ކައިވެނި ކޮށްދިން މައްސަލަ ފުލުހުން ތަހުޤީޤު ކުރަނީ

Author
އަހުމަދު
06 ނޮވެމްބަރ 2026 10:36
0

ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުގެ މީހުން ކައިވެނި ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން، އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން އިއްޔެ (5 ނޮވެމްބަރު 2026) ނެރުނު ބަޔާނެއްގައި ބުނީ، ވީޑިއޯގައި ފެންނަ އަމަލުގައި ބައިވެރިވި ފަރާތްތަކާ ބެހޭގޮތުން ފުލުހުންގެ ތަހުޤީޤު ކުރިއަށް ގެންދަމުންދާ ކަމަށެވެ. ވީޑިއޯ ނަގާފައިވަނީ ކޮން ރިސޯޓެއްގައި ކަމެއް، ނުވަތަ އެ އަމަލުގައި ބައިވެރިވި މީހުންގެ މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބަޔާނުގައި ފުލުހުން ފާހަގަކޮށްފައިވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ވާތީ، ދީނީ އަދި ޤައުމީ އުސޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި އަޚްލާޤީ މިންގަނޑުތަކާ ޚިލާފު މިފަދަ އަމަލުތައް ރާއްޖޭގައި ހިންގޭކަށް ނުވާނެ ކަމެވެ.

އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި އެހެނިހެން ފަތުރުވެރިކަމުގެ ވިޔަފާރިތައް ހިންގާ ފަރާތްތަކާއި އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުލުހުން އިލްތިމާސް ކޮށްފައިވަނީ، މިފަދަ އަމަލުތައް ހިންގުމަށް ފުރުޞަތު ނުދިނުމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ހަނދާންކޮށްދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.