އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ ބަލިވުމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުގައި ބައިބައިވުން އުފެދިއްޖެއެވެ. އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައާ ދުރަށް ނައިބު ރައީސް ޖޭޑީ ވެންސް ޖެހިވަޑައިގެންފިއެވެ.
ވޯލްސްޓްރީޓް ޖާނަލުގެ ރިޕޯޓެއްގައި ވާގޮތުން، ސަރުކާރުގެ ގިނަ ބަޔަކު ދެކެނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓުގެ އަޣްލަބިއްޔަތު ރިޕަބްލިކަނުންނަށް ގެއްލުނު މައިގަނޑު ސަބަބަކީ އީރާން ހަނގުރާމަ ކަމަށެވެ. އެ ޚިޔާލުގައި އެންމެ އިސްކޮށް ހުންނެވީ ވެންސްއެވެ. އެއީ އެމެރިކާގެ ރައްޔިތުންގެ ތާއީދު ނެތް ހަނގުރާމައެއްކަން އިންތިޚާބުން ދޭހަވެއްޖެ ކަމަށް ވެންސް ފާޅުގައި ވިދާޅުވިއެވެ. 2028 ގެ ރިޔާސީ އިންތިޚާބަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯއްދެވުމަށް ވެންސް ތައްޔާރުވަމުން ގެންދަވާކަމަށް ވެސް އެ ނޫހުގައި ވެއެވެ.
ވެންސް ވިދާޅުވީ އެމެރިކާގެ ރައްޔިތުންގެ ފައިސާ އިސްރާއީލުގެ ބޭނުންތަކަށް ޚަރަދުކުރުމަކީ ވެސް ޕާޓީ ބަލިވުމުގެ މައިގަނޑު ސަބަބެއް ކަމަށެވެ. އިންތިޚާބީ ކެމްޕެއިންގެ ތެރޭގައި ރައީސް ޓްރަމްޕް ވަނީ އަހަރަކު ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރަށް އަރާ މާލީ އެހީ އިސްރާއީލަށް އަންނަ އަހަރުން ފެށިގެން ނުދޭނެކަމަށް އިޢުލާނުކޮށްފައެވެ.
ޕާޓީ ބަލިވުމުގެ މައިގަނޑު ސަބަބަކީ ހަނގުރާމައާއި އޭގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އިޤްތިޞާދީ ދަތިތައް ކަމަށް ޓްރަމްޕް ވެސް ވަނީ އިޢުތިރާފުވެފައެވެ. ނަމަވެސް ހަނގުރާމަ ފެށުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެކަމާމެދު ހިތާމަ ނުކުރާ ކަމަށް ޓްރަމްޕް ބުންޏެވެ. އީރާނަށް އިތުރު ހަމަލާތަކެއް ދިނުމާއި އީރާނާއެކު އެއްބަސްވުމަކަށް އައުން، ދެ ގޮތަކީ ވެސް ވެދާނެ ގޮތްތަކެއް ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.
ބައެއް ރިޕޯޓުތަކުގައި ވާގޮތުން ޓްރަމްޕްގެ ކައިރީގައި ތިބި ބައެއް ލަފާދޭ ފަރާތްތަކުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ބާރުއަޅަމުން ގެންދެއެވެ. އެ ފަރާތްތަކުން ފާހަގަކުރަނީ އަލަށް ހޮވުނު މެންބަރުން ޖަނަވަރީ މަހު ހުވާކުރައްވަންދެން މިހާރުގެ ކޮންގްރެސް ދެމިއޮންނާނެތީ އެކަމަށް ހުރަހެއް ނެތްކަމެވެ.
މީގެ ތެރޭގައި ޓްރަމްޕްގެ ޕާޓީ ބަލިވުމަކީ އެމެރިކާގެ ރައްޔިތުން ޓްރަމްޕަށް ބުނި "ނޫނެކޭ" ކަމަށް ބުނެ އީރާނުގެ މަސްއޫލުވެރިން ވަނީ ވަރުގަދަ ބަސްތަކުން ޓްރަމްޕަށް ފާޑުކިޔާފައެވެ.
ކޮމެންޓު ފޮނުވާ