ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދު މައްސަލަ، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޝާހިދުގެ މައްސަލަ ހުށަހަޅާފައިވާކަން ހައިކޯޓުގެ ރަޖިސްޓްރީގައި އިއްޔެ ފާހަގަވި ނަމަވެސް، މައްސަލަ ބަލައިގަނެފައިވޭތޯ އަދި ސާފެއްނުވެއެވެ.
18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރަކާއެކު ޝާހިދު ހައްޔަރުކުރީ ހޯމަ ރޭ ކަމަށް ފުލުހުން ބުނެއެވެ. އެ ރޭ އޭނާ ދޫނިދޫ ޖަލަށް ގެންގޮސް، ފަހުން 30 ދުވަހަށް ބަންދު ޖަހައިފައިވެއެވެ.
ހައްޔަރުކުރުމުގެ ކުރިން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި، މި ތުހުމަތަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކައެއް ކަމަށާއި، އެއީ އޭނާގެ ޝަޚުސިއްޔަތު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ ވާހަކައެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ސާބިތުނުވާ ވާހަކަ ނުފެތުރުމަށް ވެސް އޭނާ އެދިވަޑައިގެންފައިވެއެވެ.
ޝާހިދު ހައްޔަރުކުރީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ދުވަސްވަރެއްގައެވެ.
ކޮމެންޓު ފޮނުވާ