ސަރުކާރާ ދެކޮޅަށް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރަތައް ލޫޓުވުމަށް ގޮވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓު، ހއ. ބާރަށް، ކުއްޅަވައްގެ އަލީ ޖުމާން (ޑެތު)، 25، ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ ނިރުބަވެރިކަމުގެ ތުހުމަތެވެ.
ޖުމާން ބަންދުގައި ބަހައްޓަން ކޯޓުން ނިންމީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، އޭނާ "އެކްސް" ގައި ކުރި ޕޯސްޓާ ގުޅޭ ރިޕޯޓާއި، ހައްޔަރުކުރިއިރު ނެގި ބަޔާނުގެ ސަބަބުން، ތުހުމަތު ކުރެވޭ ކަމުގެ ހެއްކެއް ކޯޓަށް ހުށަހަޅާފައިވާތީއެވެ. ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކޯޓަށް ފެނިފައިވާކަން ވެސް އަމުރުގައި ބުނެފައިވެއެވެ.
ސަރުކާރުން ޔަހޫދީންނަށް ބިން ދޭތަން ބަލާކަށް ނުތިބެވޭނެ ކަމަށާއި، އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް ހަމަނުޖެހުން ހިންގަންޖެހޭ ކަމަށް ޖުމާން ވަނީ އޭނާގެ އެކްސް އެކައުންޓުގައި ލިޔެފައެވެ. ރެޑްވޭވް ފިހާރަ ލޫޓުވުމަށް ވެސް އޭނާ ގޮވާލި ކަމަށް ބުނެއެވެ.
ޖުމާން މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު 3 ގައި އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަމަވެސް، އެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމިއެވެ. އޭގެ ފަހުން ބޭއްވި މުޒާހަރާތަކުގައި ވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.
ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައެއްގައި، އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ