ގިރާވަރުފަޅުން ބިން ހިއްކުމުގެ މަޝްރޫޢުގެ 68 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ޖުމްލަ 167.15 ހެކްޓަރު ހިއްކަން ރާވާފައިވާ ފަޅުން މިހާތަނަށް 115 ހެކްޓަރު ހިއްކައި ނިމިފައިވެއެވެ. މަޝްރޫޢުގެ ފުރަތަމަ ބައިގައި 70 ހެކްޓަރު ހިއްކީ އެމްއެފްއެމްސީ އިންނެވެ. ބާކީ 97.15 ހެކްޓަރުގެ މަސައްކަތް އެމްއޭސީއެލް އިން ފެށީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
މަސައްކަތް އަވަސްކުރުމަށް ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ކުއީން އޮފް ނެދަލޭންޑްސް" އާއި "އޮރެންޖް" ބޭނުންކުރަމުން ދެއެވެ. މި ދެ ޑްރެޖަރުގެ ތެރެއިން މައިގަނޑު ދައުރެއް އަދާކުރަނީ "ކުއީން އޮފް ނެދަލޭންޑްސް" އެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގިރާވަރުފަޅުން ޖުމްލަ 4،072 ގޯތި ދޫކުރާނެއެވެ. އޭގެ ތެރޭގައި 1،250 އަކަފޫޓުގެ 2،605 ގޯތި، 1،650 އަކަފޫޓުގެ 1،213 ގޯތި، 2،050 އަކަފޫޓުގެ 253 ގޯތި އަދި 2،450 އަކަފޫޓުގެ އެއް ގޯތި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މީގެ ކުރިން ގިރާވަރުފަޅަށް ޒިޔާރަތްކުރައްވައި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ. އެ ޒިޔާރަތުގައި މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ބިން ހިއްކުން ފުރިހަމަވުމަށް ނުމަޑުކޮށް ރަޖިސްޓްރީގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ސާވޭކުރެވޭ މިންވަރަކުން ގޯތިތައް ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ. ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ