އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދަށް އިތުބާރު ނެތްކަމަށް އެމްޑީޕީގެ މެންބަރުން ހުށަހެޅި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުން ސަޢީދަށް އިތުބާރު އޮތްކަމަށް ނިންމައިފި އެވެ. ސަޢީދަށް އިތުބާރު އޮތްކަމަށް 54 މެންބަރުން ވޯޓު ދިނެވެ. އިތުބާރު ނެތްކަމަށް ވޯޓު ދިނީ 10 މެންބަރުން އެވެ.
ވޯޓަށްފަހު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ، މަޖިލީހުގެ މި ނިންމުމުން ދައްކުވައިދެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ކަމަށެވެ. ރައީސް މުޢިއްޒު ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކުރައްވައިފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ރޭޓިން މަތިކުރައްވައި، ވާރުތަވެފައިވާ އެތައް އިޤްތިޞާދީ މައްސަލައެއް ހައްލުކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ކުރި ސުވާލުތަކުގެ ތެރޭގައި އޭނާގެ މެންޑޭޓާ ނުގުޅޭ ގިނަ ސުވާލުތައް ހުރި ކަމަށް ސަޢީދު ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ސުވާލަކަށް ތެދުވެރިކަމާއެކު ޖަވާބު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ހުޅުވާލެވިފައިވާ، ރައްޔިތުންނަށް ޖަވާބުދާރީވާ ސަރުކާރެއް ކަމަށާއި، ސަރުކާރުގެ ކާމިޔާބީއަކީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގައި ބަދަހި ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ