ފުށިދިއްގަރު ފަޅުގައި ރަސްމާލޭގެ ނަމުގައި ތަރައްގީކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމަށް ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރެފަރެންޑަމެއް ބާއްވަން އެދި، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ. ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ގާނޫނު އަސާސީއާއި ރެފަރެންޑަމްގެ ގާނޫނުގެ ދަށުން މިފަދަ ވޯޓެއް ނެގުމުގެ ބާރު ލިބިގެންވަނީ މަޖިލީހަށެވެ. އަދި އެކަމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުގެ ތާއީދު ލިބެން ޖެހެ އެވެ.
ސެޕްޓެމްބަރު 21 ގައި ދުބާއީގައި ސޮއިކުރި ކޮމަރޝަލް ޓަރމްސް އެގްރީމަންޓުގެ ދަށުން، "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމެއް 99 އަހަރަށް ކުއްޔަށް ދޫކުރާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި ސަރުކާރަށް ލިބޭނީ ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ އާއި ވިއްކާ ޔުނިޓްތަކުގެ އަގުގެ 4 އިންސައްތަ އެވެ.
ރާއްޖެއަކީ ފަލަސްތީނާއެކު އަބަދުވެސް ކޮޅަށް ތިބޭ ގައުމެކެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކުރާ ފަރާތްތަކަށް ވާގިވެރިވާ ކަމަށް ތުހުމަތުކުރެވޭ ބައެއްގެ އަތަށް ރާއްޖޭގެ ބިން ދޫކުރުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. މަޝްރޫއުގެ ފައިސާ ލިބޭ ފަރާތްތަކާއި ބިން ބޭނުންކުރާ ފަރާތްތަކާ ބެހޭގޮތުން މިހާތަނަށް ހާމަވެފައިވާ މަޢުލޫމާތުން ވެސް ޝައްކު އުފެދޭ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
މި އެއްބަސްވުމުގައި ބިމުގެ އަގާއި ކުލި ނުނަގާ އެވެ. އެހެންކަމުން މިހާރު އޮތް ގާނޫނުތަކުގެ ދަށުން މި ޝަރުތުތަކާ އެކު ބިން ދޫނުކުރެވޭނެ ކަމަށާއި، އެކަމަށް މަޖިލީހުން އާ ގާނޫނެއް ފާސްކުރަން ޖެހޭނެ ކަމަށް ގަރާރުގައިވެ އެވެ. ދައުލަތުގެ ފައިސާއިން ހިއްކި މިހާ ބޮޑު ބިމެއް ދިގު މުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ގައުމުގެ މާލިއްޔަތާއި ދިގު މުއްދަތުގެ މަސްލަހަތަށް ބޮޑު އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން އެ ގާނޫނު ހެދުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުން މުހިއްމު ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ