ޣައްޒާގެ ޤަތުލްޢާއްމުގައި ޒަޚަމްވި މީހުންނަށް ވޮލަންޓިއަރެއްގެ ގޮތުގައި ފަރުވާ ދެއްވި ޑރ. އާދަމް ޙަމަވީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް އިންތިޚާބުވެވަޑައިގެންފިއެވެ.
ނިއު ޖާޒީގެ 12 ވަނަ ޑިސްޓްރިކްޓުން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި 57 އަހަރުގެ ޙަމަވީ ކާމިޔާބުވެވަޑައިގެންނެވީ ރިޕަބްލިކަން ކެންޑިޑޭޓް ގްރެގް މެލޭ ބަލިކުރައްވައިގެންނެވެ. އޭޕީގެ ރިޕޯޓުތަކުން ދައްކާގޮތުގައި ވޯޓުގެ 80 އިންސައްތަ ގުނިއިރު، އޭނާއަށް ލިބިފައިވަނީ 70.8 އިންސައްތަ ވޯޓެވެ. މި ކާމިޔާބީއާއެކު ނިއު ޖާޒީން ހައުސްއަށް އިންތިޚާބުވި ފުރަތަމަ މުސްލިމް އަދި އަރަބި ދަރިކޮޅުގެ މެންބަރަކަށް އޭނާ ވެވަޑައިގެންފިއެވެ. ކޮންގްރެސްގައި ތިއްބަވާ މިސްރު ދަރިކޮޅުގެ ދެވަނަ މެންބަރަކީވެސް އޭނާއެވެ.
ކުރިން އެމެރިކާގެ ސިފައިންގައި ސާޖަނެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައިވާ ޙަމަވީގެ ކެމްޕޭނުގެ މައިގަނޑު ސަމާލުކަން ދެވުނީ ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި ބަލިމީހުންނަށް ފަރުވާދިނުމުގެ ތަޖުރިބާއަށެވެ. 2024 އާއި 2025 ވަނަ އަހަރު، ޕަލަސްޓީނިއަން އެމެރިކަން މެޑިކަލް އެސޯސިއޭޝަނާއި ޑަބްލިއު.އެޗް.އޯ ގުޅިގެން ހިންގި މެޑިކަލް މިޝަންތަކުގައި އޭނާ ވަނީ ޣައްޒާގެ ރައްޔިތުންނަށް ފަރުވާ ދެއްވާފައެވެ. ޖޫން މަހު މުސްލިމް.ކޮމްއަށް ދެއްވި އިންޓަވިއުއެއްގައި ޙަމަވީ ވިދާޅުވީ، ޣައްޒާއަށް ދިޔައީ ސާޖަނެއްގެ ގޮތުގައި ކަމަށާއި، އެނބުރި އައީ އެތަނުން ފެނުނު ކަންކަމަށް ބާރުގައި ތިބި މީހުންނަށް ލޯމަރާނުލެވޭނެކަން ކަށަވަރުކުރުމުގެ އަޒުމާއެކު ކަމަށެވެ.
ވޭތުވެދިޔަ 30 އަހަރު ތެރޭގައި ހައިޓީ، ސޫދާން، ސީރިއާ، ލުބުނާން، އުރުދުން، ތުރުކީ، ބޮސްނިއާ އަދި ކޮލަމްބިއާ ފަދަ ޤައުމުތަކުގައި ޙަމަވީ ވަނީ އިންސާނީ އެހީތެރިކަމުގެ މަސައްކަތްކުރައްވާފައެވެ. އިރާޤު ހަނގުރާމައިގެ ދުވަސްވަރު ބަޣުދާދުގެ އަސްކަރީ ހޮސްޕިޓަލެއްގައިވެސް އޭނާ ނުވަ މަސްދުވަހު ޚިދުމަތްކުރެއްވިއެވެ.
ޚާރިޖީ ސިޔާސަތުގައި ޙަމަވީ ވަނީ އިސްރާއީލަށް ދޭ އަސްކަރީ އެހީ ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ކޮންމެ ޤައުމަކަށް އަސްކަރީ އެހީ ދިނުމާވެސް އޭނާ ދެކޮޅެވެ. އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައަކީ ޤާނޫނާ ޚިލާފު، އަޚްލާޤީ ގޮތުން ބަލައިނުގަނެވޭނެ ކަމެއް ކަމަށް ޙަމަވީ ވިދާޅުވެފައިވެއެވެ. އަދި އެމެރިކާގެ ސަރުކާރުން އައިޕެކް ފަދަ ޖަމާޢަތްތަކާއި އިސްރާއީލުގެ މަޞްލަޙަތަށް އިސްކަންދޭ ކަމަށް ބުނެ އޭނާ ފާޑުކިޔުއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ