އެމެރިކާ ނުވަތަ އިސްރާއީލުން އީރާނަށް އަލުން ހަމަލާއެއް ދީފިނަމަ، އެއްވެސް ސަރަހައްދީ ނުވަތަ ޖިއޮގްރަފީ ހަދަކަށް ނުބަލައި ވަގުތުން ވަރުގަދަ ރައްދެއް ދޭނެކަމަށް އީރާނުން އިއުލާނުކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ އީރާނުގެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުން ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕާޝިއަން ގަލްފާއި ހުރުމުޒު ކަނޑުއޮޅީގައި ކުރަމުންދާ އަސްކަރީ ތައްޔާރީތަކުގެ މަޢުލޫމާތު ކޮމާންޑަރުން ހިއްސާކުރިއެވެ. އަދި ކުރިން އަމާޒުނުކުރާ ގިނަ ތަންތަން ހިމަނައި، އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ ވަސީލަތްތަކާއި މަސްލަހަތުތައް އަމާޒުކުރާނެ ލިސްޓު ވަނީ ފުޅާކޮށްފައެވެ.
އީރާނުގެ އާމީ ތަރުޖަމާނު މުހައްމަދު އަކުރަމީނިއާ ބުނީ، 100 ކިލޯގްރާމްގެ ވޯހެޑް އުފުލޭ "އާރަޝް" ޑްރޯން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހަމަލާތައް ވަރުގަދަކުރާނެ ކަމަށެވެ. ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ ދެ ގުނައިން ތިން ގުނައާ ހަމައަށް ހަތިޔާރާއި އުންޑަ އުފެއްދުން އިތުރުކޮށްފައިވާކަމަށް ވެސް ކޮމާންޑަރުން ހާމަކުރިއެވެ.
މި ބަޔާން ނެރުނީ ހުރުމުޒު ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. ގަތަރާއި ޕާކިސްތާނުގެ މެދުވެރިކަމުގައި ކުރިއަށްދާ ސުލްހަ މަޝްވަރާތަކުގައި ވެސް ބޮޑެތި ޚިޔާލުތަފާތުތަކެއް އުފެދިފައިވެއެވެ. އެމެރިކާއިން ބޭނުންވަނީ ނިއުކްލިއާ މައްސަލަ ފުރަތަމަ ހައްލުކުރާށެވެ. އީރާނުން އެދެނީ ބަނދަރުތަކުގެ ބްލޮކޭޑް އުވާލުމަށެވެ. އަލުން ހަނގުރާމަ ފެށިއްޖެނަމަ، އެއީ ކުރިއަށްވުރެ ދިގު އަދި ނުރައްކާތެރި ހަނގުރާމައަކަށް ވާނެކަމަށް ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އިންޒާރުދީފައެވެ.
ކޮމެންޓު ފޮނުވާ