ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީ ވަންތަކަމާއި ދިވެހިންގެ ފުރިހަމަ މިނިވަންކަމަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ، ނަސްރުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތައް ކުރިއަރަމުންދާ މަންޒަރު ހަމައެކަނި ބަލާން ނުތިބެ، ގައުމީ ފިކުރު ކުރިއަށް ނެރެން ޖެހޭ ކަމަށެވެ. ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ހީނަރުކަމެއް ނައިސް، މުޅި ގައުމުގެ މާލިއްޔަތަށް ހެޔޮ އަސަރު ކުރާނެ އިންގިލާބީ ބަދަލުތަކާ ކުރިމަތިލާން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ތަސައްވުރަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ހަލުއިކަމާއެކު ވަދެ، މާނަވީ އަދި މާއްދީ ތަރައްގީއަށް އެއްވަރަކަށް އިސްކަންދީގެން ތަހުޒީބު ރާއްޖެއެއް ބިނާކުރުން ކަމަށެވެ. މިގޮތުން ބޭރުގެ ދުނިޔެއާ މުއާމަލާތް ކުރުމުގައި ދައުލަތުގެ މައިކަށި ހަރުދަނާވެ، އިގްތިސާދީ މިނިވަންކަން ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތަރައްގީއަކީ ކޮންމެ ދިވެހި ފަރުދެއްގެ ހައްގެއް ކަމަށާއި، އެއީ ގައުމުގެ އިއްޒަތާއި ކަރާމާތް އުފުލިގެންދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަޅުއްވާ ކޮންމެ ފިޔަވަޅެއް އަޅުއްވާނީ، ގައުމީ މަސްލަހަތުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަގުސަދުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ