ދިވެހި ފުލުހުންގެ ޚިދުމަތަށް ކޮންސްޓަބަލުން ނެގުމަށް ފުލުހުން އިޢުލާނު ކޮށްފިއެވެ.
ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި ވަޒީފާއަށް ކުރިމަތިލެވޭނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. ފިރިހެނުންގެ އިސްކޮޅު މަދުވެގެން ފަސް ފޫޓު ފަސް އިންޗި އަދި އަންހެނުންގެ އިސްކޮޅު ފަސް ފޫޓު ދެ އިންޗި ހުންނަން ޖެހެއެވެ.
ތައުލީމީ ޝަރުތުތަކުގެ ގޮތުން، އެސްއެސްސީ އިން މަދުވެގެން ދެ މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު ޖީސީއީ އޯ ލެވެލްއިން ވެސް މަދުވެގެން ދެ މާއްދާއިން "ސީ" ފާސް ލިބިފައި ހުންނަން ޖެހެއެވެ. އެއާ އެއްވަރު ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހުރި މީހުންނަށް ވެސް ކުރިމަތިލެވޭނެއެވެ. އަދި ގްރޭޑް 10 ނިންމައި، ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ޚާއްސަ ފަންނީ ހުނަރެއް ލިބިފައިވާ މީހުން ވެސް ބަލައިގަނެވޭނެއެވެ.
މުސާރައާއި އިނާޔަތްތަކާއެކު މަހަކު 15،500 ރުފިޔާ ލިބޭ މި ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަންވީ މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިންނެވެ. ފޯމު ބަލައިގަނެވޭނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި، މެންދުރުފަހު 14:00 އިން 16:00 އާ ދެމެދުގައެވެ. ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރެކޯޑު ބަލާ ފޯމު ފުލުހުންގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ކުރިމަތިލާ މީހުންގެ ބެކްގްރައުންޑް އެސެސްމަންޓާއި ފިޒިކަލް ފިޓްނަސް ޓެސްޓާއި ފެތުމުގެ ޓެސްޓާއި އެޕްޓިޓިއުޑް ޓެސްޓާއި އިންޓަވިއު އަދި މެޑިކަލް އެގްޒަމިނޭޝަން ކުރިއަށް ގެންދާނެއެވެ. އިންޓަވިއުއަށް ގޮވާލެވޭނީ ޝަރުތު ހަމަވެ ޝޯޓްލިސްޓް ކުރެވޭ މީހުންނަށް ކަމަށާއި، މި ޓެސްޓްތަކުން އެންމެ މަތިން ފާސްވާ މީހުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ