ޖިންސީ އަނިޔާ ލިބޭ ކުދިންގެ ޒާތީ މައުލޫމާތު ފެތުރުމަކީ ގާނޫނާ ހިލާފު ކަމެއް: މިނިސްޓްރީ

ޖިންސީ އަނިޔާ ލިބޭ ކުދިންގެ ޒާތީ މައުލޫމާތު ފެތުރުމަކީ ގާނޫނާ ހިލާފު ކަމެއް: މިނިސްޓްރީ

Author
އަހުމަދު
07 ނޮވެމްބަރ 2026 12:39
0

 

ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުދިން ހިމެނޭގޮތަށް، އެއްވެސް ކުޑަކުއްޖެއްގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ނުވަތަ އެހެން އެއްވެސް ގޮތަކުން ހާމަނުކުރުމަށް ފެމިލީ މިނިސްޓްރީން އާންމުންނަށް ގޮވާލައިފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުއްޖެއްގެ ނަމާއި އެޑްރެސް، ކިޔަވާ ތަން، ތަސްވީރު އަދި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކުއްޖާ ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ހާމަކުރުން މަނާ ކަމަށެވެ. ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށްވާ ކުދިންނަށް ވެސް މި ރައްކާތެރިކަން ލިބޭ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މި ބަޔާން ނެރުނީ، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލާގައި ހިމެނޭ ކުއްޖާގެ ކަރާމާތަށް ގެއްލުން ދޭފަދަ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާތީ އެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދު، މިހާރު ހުންނެވީ 30 ދުވަހަށް ބަންދުކޮށްފަ އެވެ. ތުހުމަތު ދޮގުކުރައްވާ ޝާހިދު ވިދާޅުވެފައިވަނީ، މިއީ ސިޔާސީ ގޮތުން އޭނާގެ އަބުރު ކަތިލުމަށް ކުރާ ކަމެއް ކަމަށެވެ. އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު، އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓަށް ވާދަކުރަން ނިންމަވާފައިވެ އެވެ.

އާންމުންގެ ޚިޔާލަށް ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ވިޔަސް، ކުއްޖެއްގެ ޒާތީ މައުލޫމާތު ފެތުރުމަކީ އެ ކުއްޖާގެ ހައްގަށް އަރައިގަތުމެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާކުރުމަކީ މުޅި މުޖުތަމައުގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް މިނިސްޓްރީން ހަނދާންކޮށްދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.