ދަރިފުޅަށް ޖިންސީ ގޯނާކުރަން މަގުފަހިކޮށްދިން މަންމައަށް 18 އަހަރުގެ ޖަލު ހުކުމް

ދަރިފުޅަށް ޖިންސީ ގޯނާކުރަން މަގުފަހިކޮށްދިން މަންމައަށް 18 އަހަރުގެ ޖަލު ހުކުމް

Author
އަހުމަދު
07 ނޮވެމްބަރ 2026 12:36
0

 

އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރުމަށް ފިރިހެނަކަށް ހިތްވަރުދީ، އެކަން ސިއްރުކުރި މައެއްގެ މައްޗަށް ދަށު ކޯޓުން އިއްވި 18 އަހަރާއި ހަ މަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ. ހައި ކޯޓުން މި ހުކުމް ބާތިލުކޮށްފައި އޮތުމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލި ތިން ފަނޑިޔާރުން، ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ނިންމީ އިއްތިފާގުންނެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ މި އަންހެނާގެ މައްޗަށް 2016 ވަނަ އަހަރު ދައުލަތުން ދެ ދައުވާއެއް ކުރީ، 2014 ވަނަ އަހަރުން ފެށިގެން ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުމަށް ފިރިހެނަކަށް މަގުފަހިކޮށްދިނުމާއި، އެކަން އެނގިހުރެ ރިޕޯޓުނުކުރުމުގެ ތުހުމަތުގައެވެ. 2018 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުން ދެ ދައުވާ ވެސް ސާބިތުކުރި ނަމަވެސް، 2021 ވަނަ އަހަރު ހައި ކޯޓުން ހުކުމް ބާތިލުކުރި އެވެ. ހައި ކޯޓުން ހުކުމް ބާތިލުކުރީ، ދިފާއުވުމަށް ބޭނުންވާ ލިޔެކިޔުންތައް އަންހެނާއަށް ފޯރުކޮށްނުދީ ހުކުމްކުރި ކަމަށާއި، ރިޕޯޓުނުކުރުމުގެ ދައުވާ ކުރީ ތަހުގީގުކުރި ކުށާ ތަފާތު ކުށެއްގެ މައްޗަށް ކަމަށް ބުނެ އަންހެނާ ހުށަހެޅި އިއުތިރާޒުތަކަށް ތާއީދުކޮށްގެންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ބުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ލިޔުންތައް ހަވާލުކުރަމުން އައީ ފޮތެއްގައި ސޮއިކުރުވައިގެން ނޫން ކަމަށާއި، ޝަރީއަތުގެ މަހުލަރު ބަޔާންތަކަށް ބަލާއިރު ލިޔުންތައް ލިބިފައިވުން ގާތް ކަމަށެވެ. އަދި ލިޔުންތައް ނުލިބޭ ކަމުގެ ޝަކުވާއެއް ދަށު ކޯޓުގައި ނުކުރާ ކަމަށް ވެސް ކޯޓުން ފާހަގަކުރި އެވެ.

ދަރިފުޅަށް ގޯނާކުރާކަން އެނގިހުރެ ސިއްރުކުރި ކަމަށް އަންހެނާ ތަހުގީގަށް ދިން ބަޔާނުގައި އަމިއްލައަށް ބުނެފައިވާ ކަމަށް ހުކުމުގައި ވެއެވެ. އަދި އޭރު ދައުވާގައި ގާނޫނާއި މާއްދާ ބުނުން ލާޒިމު ނުވާތީ، ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.