ސަޢުދީއަށް ހޫޘީން ދިން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސަޢުދީއަށް ހޫޘީން ދިން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Author
އަހުމަދު
08 ސެޕްޓެމްބަރ 2026 07:59
0

ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ހޫޘީން ދިން ޙަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ސަޢުދީގެ އަބްހާއާއި ޚަމީސް މުޝައިތުއާއި ޖާޒާން އަދި ނަޖުރާނުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި އިޤުތިޞާދީ ވަޞީލަތްތަކަށް އަމާޒުކޮށް ދިން މި ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. މިއީ ސަޢުދީގެ ސިޔާދަތާއި އިސްތިޤުލާލަށް އަރައިގަނެ، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ދިން ޙަމަލާތަކެއް ކަމަށް ދިވެހި ސަރުކާރުން ސިފަކުރެއްވިއެވެ.

މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކުގައި ކަމުގެ ޔަޤީންކަން އަރުވާކަމަށާއި، އެ ޤައުމުގެ ސިޔާދަތު ދެމެހެއްޓުމަށާއި ސަރަހައްދުގައި ހަމަޖެހުން ޤާއިމުކުރުމަށް އަޅުއްވާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާޢީދު ކުރައްވާނެ ކަމަށްވެސް ބަޔާނުގައި ވިދާޅުވިއެވެ.

ސަޢުދީގެ އެނާޖީ މިނިސްޓްރީން ބުނާ ގޮތުގައި، މިއަދު ހެނދުނު އެ ޤައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ހަކަތަ އުފައްދާ ބައެއް މަރުކަޒުތަކަށް ދިން ޙަމަލާތަކުގެ ސަބަބުން އެކި ތަންތަނުގައި ވަނީ އަލިފާން ރޯވެ، ބައެއް މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.