ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ އިންޑިއާގެ ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، އިންޑިއާ ހައިކޮމިޝަނުގެ ކައުންސެލަރު މިސްޓަރ ޖިޝްނޫ ޕްރަސަންނަ މުކަރްޖީ، ގދ. ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުދައްރިސުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނާއި މަސައްކަތްތެރިންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ބޭއްވިފައިވަނީ އޮގަސްޓް 23 ވަނަ ދުވަހު ތިނަދޫގައި ބޭއްވި "އޯޕަން ހައުސް" ސެޝަނެއްގެ ތެރެއިންނެވެ. މި ސެޝަނުގައި އެ ރަށުގައި ވަޒީފާ އަދާކުރަމުންދާ ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި ދިރިއުޅެ މަސައްކަތްކުރުމުގައި ދިމާވާ ކަންބޮޑުވުންތަކާއި ދަތިތައް ފާޅުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދިޔައެވެ. އަދި އިންޑިއާ ކޮމިއުނިޓީއަށް ދިމާވާ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވުނެވެ.
ކައުންސެލަރު މުކަރްޖީ ވަނީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅިގެން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ކޮމިއުނިޓީ ވެލްފެއަރ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ދިވެހި އިދާރާތަކާ ގުޅިގެން އިންޑިއާ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ހައިކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ތިނަދޫގައި ބޭއްވި މި ބައްދަލުވުމަކީ، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
ކޮމެންޓު ފޮނުވާ