އުލިގަމުގައި 18 ޔޮޓުގެ ޖާގައިގެ މެރީނާއެއް ހަދަން އެމްޕީއެލްއާ ހަވާލުކޮށްފި

އުލިގަމުގައި 18 ޔޮޓުގެ ޖާގައިގެ މެރީނާއެއް ހަދަން އެމްޕީއެލްއާ ހަވާލުކޮށްފި

Author
އަހުމަދު
24 އޮގަސްޓް 2026 08:56
0

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ބިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި، އެ ކުންފުނިން އަދި އުލިގަމު ކައުންސިލުން މިއަދު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ކެޕްޓަން ޝަފީގު ވިދާޅުވީ، މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ކުޑަކޮށް ތަރައްގީކުރި ނަމަވެސް، މުސްތަގުބަލުގައި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. މެރީނާގައި ގާތްގަނޑަކަށް 18 ޔޮޓުގެ ޖާގަ ހިމެނޭނެ ކަމަށާއި، އެއީ ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުމަކީ އުންމީދު ކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލުގެ ރައީސް އަސަދުﷲ ވިދާޅުވީ، ޔޮޓް މެރީނާއެއް ގާއިމުވުމަކީ އުލިގަމުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ކަމަށާއި، މީގެ ސަބަބުން ރަށުގެ އިގްތިސޯދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މެރީނާގެ ސަބަބުން އުލިގަމާއި އުތުރު ސަރަހައްދު ޔޮޓްތަކަށް ހާއްސަ ސަރަހައްދަކަށް ވެގެންދާނެ ކަމަށާއި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއް ހަގީގަތަކަށްވުން ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގައި މުހިންމު މަގަކަށްވެފައި، މިހާރުވެސް ގިނަ އަދަދެއްގެ ޔޮޓް އެ ރަށު ފަޅުގައި ބަނދަރުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.