ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޕަލާއޫގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް، އޮނަރަބްލް ޏިގިރައިބެލަސް ތުމެތުޗުލް، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވިފައިވަނީ، ދިވެހިރާއްޖޭގައި މިއަދު ފެށިގެންދިޔަ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026″ އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ހަވާސާގައެވެ. ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ސިޑްސް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
ސިޑްސް ޤައުމުތަކުން އިސްކަންދޭ ކަންކަން ކުރިއެރުވުމުގައާއި، ބައިނަލްއަޤުވާމީ މަސްރަޙުގައި އެ ޤައުމުތަކުގެ ވަކާލާތު ވަރުގަދަކުރުމަށްޓަކައި، ޕަލާއޫއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެ ދެމިއޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޯގަސްޓު 23 އިން 25 އަށް ކުރިއަށްދާ މި ފޯރަމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ވިޔަފާރިވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ދިރާސާވެރިންގެ ޙިއްޞާ އިތުރުކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.
ކޮމެންޓު ފޮނުވާ