ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވައިދާ އަވަށަށާއި ނުސައިރާތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވައިގެ ދެ ހަމަލާއެއްގައި، ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއެކު ފަލަސްތީނުގެ މަދުވެގެން ދެ މީހުން ޝަހީދުވެ، އިތުރު ހަތް މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ހާމަކޮށްފިއެވެ.
ޒަވައިދާ އަވަށުގެ އިމާރާތަކަށް އަމާޒުކޮށް ދިން ހަމަލާގައި ބޮމުގެ އެތިކޮޅުތައް އެތައް މީޓަރަކަށް ބުރައިގެން ދިޔައިރު، ޒަޚަމްވި ހަ މީހުންގެ ތެރޭގައި ހިމެނުނު ހަތަރު އަހަރުގެ މުހައްމަދު އަބްދުއްސަލާމް ތާހާ ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ޝަހީދުވެފައެވެ. އެ އިމާރާތް ބިމާ ހަމަވެފައި ވާއިރު، އެ ސަރަހައްދުގައި ހިޔާވަހިކަން ހޯދަމުންދިޔަ މީހުން ބުނާ ގޮތުގައި އިސްރާއީލުން އަދިވެސް ދަނީ ހަމަލާތައް ދެމުންނެވެ.
ޣައްޒާއިން އިސްރާއީލާ ދިމާލަށް ބެލޫނާއި ޑްރޯން އަދި ގުޑި ފޮނުވަމުންދާ ކަމަށް ބުނެ، ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ދީފައިވާ ދަނޑިވަޅެއްގައި މި ހަމަލާތައް ދީފައިވާއިރު، ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނައީމް ވަނީ އެ އިންޒާރުތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ތެރޭގައި ކުޑަކުދިން ގުޑި އަރުވަނީ އެ ކުދިންގެ ގެއްލިފައިވާ ޅަފުރާގެ އުފާވެރިކަން ހޯދުމަށް ކަމަށެވެ.
އެމެރިކާ އިސްވެ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް، އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން 1،280 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގެ ނާބުލުސް ކައިރީގައިވާ އަސްކަރު ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ވަދެގަނެ ދިން ހަމަލާތަކުގައި، އުމުރުން 14 އަހަރުގެ އިސްލާމް އަޖޫރީ ވެސް ވަނީ ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ