ލަންކާއިން ރާއްޖެއަށް 233،000 ރުފިޔާގެ ބޭސް ހަދިޔާކޮށްފި

ލަންކާއިން ރާއްޖެއަށް 233،000 ރުފިޔާގެ ބޭސް ހަދިޔާކޮށްފި

Author
އަހުމަދު
24 އޮކްޓޯބަރ 2026 12:51
0

 

ސްރީލަންކާ ސަރުކާރުން ގާތްގަނޑަކަށް 233،000 ރުފިޔާ (5 މިލިއަން ސްރީލަންކަން ރުޕީސް) ގެ އަގުހުރި އަސާސީ ބޭސްތަކުގެ ޝިޕްމަންޓެއް ރާއްޖެއަށް ހަދިޔާކޮށްފި އެވެ. މި ހަދިޔާ ދީފައިވަނީ ދިވެހި ސަރުކާރުން އެދުނު ގޮތުގެ މަތިން ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި ބޭސްތައް ހަދިޔާކުރީ ރާއްޖޭގެ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ އެދިވަޑައިގަތުމާ ގުޅިގެން ނެވެ.

ބޭސްތައް ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ކޮލޮމްބޯގައި ހުންނަ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓްރީގަ އެވެ. ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސަ ހަވާލުކުރެއްވި ބޭސްތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.

މި ޝިޕްމަންޓް ހަމަޖައްސާފައިވަނީ ލަންކާގެ މެޑިކަލް ސަޕްލައިސް ޑިވިޒަން، ސްޓޭޓް ފާމަސޫޓިކަލްސް މެނުފެކްޗަރިން ކޯޕަރޭޝަން (އެސްޕީއެމްސީ) އަދި ސްރީލަންކާ ފާމަސޫޓިކަލް މެނުފެކްޗަރާސް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.