ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް މިއަދު ހަވީރު ބާސެލޯ ނަސަންދުރަ މާލެ ހޮޓަލުގައި ފެށިއްޖެއެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަތެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމްގައި 30އަށްވުރެ ގިނަ ގައުމުން 200އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. ހާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ފޯރަމް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައްދަލުވުމުގައި ރައީސް މުއިއްޒު އިސްނަންގަވައި، އެ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި މާލީ ވަޞީލަތްތައް ހޯދުމަށް ބާރުއެޅުއްވުމުގެ ސަބަބުންނެވެ.
2014 ވަނަ އަހަރުން ފެށިގެން ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ފޯރަމުގައި، ކުދި ޖަޒީރާ ގައުމުތަކުގައި ވިޔަފާރިކޮށް އިންވެސްޓްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ފުރުޞަތުތަކާ މެދު މަޝްވަރާކޮށް، ތަޖުރިބާ ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޔާދަކުރަނިވި ހަކަތައާއި ކޮންޒަވޭޝަންގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ބައިވެރިންނަށް ދައްކާލެވޭނެއެވެ.
މިއަހަރު ރަސްމީކޮށް އިފްތިތާޙުކުރެވޭ އައިލެންޑް އިންވެސްޓްމަންޓް ފޯރަމަކީ، ކުދި ޖަޒީރާ ގައުމުތަކުގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އިންވެސްޓަރުންނާ ގުޅުން ބަދަހިކުރުމަށް ބާއްވާ ފޯރަމެކެވެ.
ކޮމެންޓު ފޮނުވާ